ތަރުބަވީ ޖީލެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާ ބޮޑު: މިނިސްޓަރ
ތަރުބަވީ ޖީލެއް ބިނާކުރުމަށް އަންހެނުންގެ ހިއްސާ ނުހަނު ބޮޑު ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންހެން ޑިވިޝަނަށް ޚާއްޞަކޮށްގެން ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ފެށި 'ރާއްޖެ ސުޕަރ ލީގް 2026' ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި އަތޮޅުތަކުން 8 ޓީމެއް ބައިވެރިވުމަކީ އުއްމީދު އާވުމުގެ އިތުރުން ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ. އެ ކަމުން ވެސް ހާމަވެގެން ދަނީ ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ހިއްސާބޮޑުކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
''ރާއްޖޭގެ މުޖުތަމަޢުގައި ހުރި ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އަންހެނުންގެ ހިއްސާ ނުހަނު ބޮޑު، ތަރުބަވީ ޖީލެއް ބިނާކުރުމުގައި ވެސް އަންހެނުންގެ ހިއްސާ އެހާ ބޮޑު'' މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކަނބަލުން ކުރައްވާ މަސައްކަތުގެ ސަބަބުން އެ ކަން ޙާޞިލްވެގެން ދާނެކަމުގެ އުންމީދު އިތުރަށް އައުވެއްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ވެރިން ބޭނުންވެލައްވާ ލަނޑުދަނޑި ޙާޞިލްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުޅިވަރަށް މަގުފަހިކޮށްދިނުމާއި ކުޅިވަރުގެ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިނިސްޓަރ ވަނީ ރައީސްގެ ވަޢުދުފުޅު ފުއްދުމަށްޓަކައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.
އަދި އެ ޝުކުރުގައި އެ މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތް ވެސް މިނިސްޓަރ އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.
