ސަރުކާރުން އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކަށް މިންގަނޑުތަކެއް ކަނޑައަޅަނީ
އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، އަންނަ އަހަރު އެކި ދާއިރާތަކުން ތަފާތު އަމާޒުތަކަށް މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިންގަނޑުތަކެއް ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ މަޤްޞަދެއްގައި ނިންމަވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިކަން ރައްޔިތުންނާ ހިއްސާކުރުމުގައި ދިވެހިރާއްޖޭގެ އަޑުފަދަ މީޑިއާތަކުގެ ދައުރު މުހިންމު ކަމަށެވެ.
2040 ވަނަ އަހަރަކީ ދިވެހި ރާއްޖެ ހުރިހާ މާނައެއްގައިވެސް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުން އެއީ މިއަދުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު އިޤްތިޞާދީ ފުދުންތެރިކަން އޮތް މިންގަނޑަށް ބަލާއިރު ކޮންމެ ބޮލަކަށް ޖެހޭ އާންމަދަނީ ގާތްގަޑަކަށް ކޮންމެ އަހަރަކު އިޤްތިޞާދީ ކުރިއެރުން %5 އާއި %6ގެ ނަތީޖާއެއް ހޯދަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރުމުގައި އަންނަ އަހަރުއެކި އެކި ދާއިރާތަކަށް އެކި އަމާޒަށް މަސައްކަތް ކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުން މިންގަނޑުތަކެއް ކަނޑައެޅުމަށް ނިންމަވާފައިކާމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވަނީ 2040 ވަނަ އަހަރަކީ ރާއްޖެ ހުރިހާ ގޮތަކުން ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމުގެ ރޫޙު ރައްޔިތުންގެ މެދުގައި އާލާކުރުމަށް އެދިވަޑައިގެންފައެވެ. މި ތަރައްޤީ ހާސިލްކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރިފަދައިން އެހެން ދާއިރާތައްވެސް ކުރިއެރުވުމަށް ތެދު މައުލޫމާތު މުހިއްމުކަމަށާއި، މީޑިއާއިން އިތުބާރު ހުރި ސައްޚަ ޚަބަރުތައް ފޯރުކޮށްދިނުމަކީ ޤައުމު ކުރިއެރުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
-1767166397858.webp)