logo
banner image

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔަވަހިކަން" ޕްރޮގްރާމްގެ އުޞޫލުތައް ގެޒެޓުގައި ޝާއިޢުކޮށްފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔަވަހިކަން" ޕްރޮގްރާމްގެ އުޞޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ގޮތުން ޝާއިޢުކުރެވުނު އުސޫލުތަކުގެ ތެރޭގައި ހިމެނެނީ، އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 37-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) އެވެ.

މިއީ 17 ނޮވެންބަރު 2025 ގައި ސަރުކާރު ގެޒެޓުގައި ޝާއިޢުކުރި އުސޫލު ނަންބަރު: 30-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 31-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) އަށް އިސްލާހު ގެނައުމަށްފަހު އަލުން އެކުލަވާލައިފައިވާ އުސޫލުތަކެކެވެ.

ދެންނެވުނު އުސޫލުތައް އިޞްލާހު މިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާއި އެ އުސޫލުތައް ޝާއިޢުކުރުމުން މިނިސްޓްރީއަށް ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް އުސޫލުތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުންނެވެ. އެގޮތުން އުސޫލުތަކަށް ގެނެވިފައިވާ މައިގަނޑު ބަދަލުތަކަކީ:

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 1 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދަރިއެއް ނުވަތަ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުން؛

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 2 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުން؛

އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކުން 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް، ނުވަތަ ގެއެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް އޮތް ނަމަވެސް، ބިމަށް ނުވަތަ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުން.

އުސޫލު ނަންބަރު 37-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) ގެ ދަށުން މައިގަނޑު 2 ކެޓަގަރީއަކާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކެއް ވާނީ ހިމަނާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10000 (ދިހަހާސް) ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3000 (ތިން ހާސް) ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2000 (ދެހާސް) ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ ރަށްވެހިންގެ ކެޓަގަރީއިންނާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

ވަކިން ޚާއްޞަކޮށް މާލޭގެ ވަކިގެއަކަށް ނިސްބަތްނުވާ ގޮތަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން 1000 (އެއްހާސް) ގޯއްޗާއި 1000 (އެއްހާސް) ފުލެޓު ވާނީ އިޢުލާނުކުރެވިފައެވެ.

މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 (ހަތަރުހާސް) ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 (އެއްހާސް ފަސްސަތޭކަ) ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 (ދެހާސް ހަތަރުސަތޭކަ) ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ޢާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ ޢާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.

މި އާ އުސޫލުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، 17 ނޮވެންބަރު 2025 ގައި މިކަމާ ގުޅޭގޮތުން ކުރިން ކޮށްފައިވާ އިޢުލާންތައް މިހާރު ވަނީ ބާޠިލުކުރެވިފައެވެ.  އަދި، ދެންނެވުނު ދެ އުސޫލުގެ ދަށުން ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކުގެ ތެރެއިން ކޮންމެ ކެޓަގަރީއަކަށް ޚާއްޞަކުރެވިފައިވާ ޝަރުޠުތަކާއި، އިތުރު މަޢުލޫމާތު އެ އިޢުލާންތަކުގައި ހިމަނާފައިވާނެއެވެ.