logo
banner image

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއަށް 'ވޯކް ޕްލޭސް އިންކްލޫޝަން' ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ހާއްސަކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ވަޒީފާގެ މާހައުލެއް އޮފީސްތަކުގައި ޤާއިމްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް، 'ވޯކް ޕްލޭސް އިންކްލޫޝަން'ގެ ނަމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން ކުރިއަށް ގެންދާ އޮފީސް ސެންސިޓައިޒޭޝަން ޕްރޮގްރާމްގެ ތެރެއިންނެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ މުއައްސަސާތަކުގައި އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، އެފަދަ ފަރާތްތަކަށް އެކަށޭނެ މާހައުލެއް ބިނާކުރުމެވެ. މިގޮތުން، މި ސެޝަންގައި ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމަކީ ކޮބައިކަމާއި، މިކަމާއި ގުޅޭ ޤާނޫނާއި ޤަވައިދުތަކާއި، އެކުލެވިގެންދާ މިންގަނޑުތަކާއި، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އެކްސިސިބިލިޓީ (ފަސޭހައިން ލިބިގަނެވޭނެ އިންތިޒާމް) އާއި ގުޅޭގޮތުން މުހިންމު މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭނެ ފުރުޞަތުތައް އިތުރުވެ، ވަޒީފާގެ މާހައުލު އެންމެންނަށް ވެސް ހުޅުވިފައިވާ ތަނަކަށް ހެދުމަށް އެހީތެރިވެގެންދާނެ ކަމަށް ބެލެވެއެވެ.