ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު: ރައީސް
ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، އިގުތިސާދު ތަރައްޤީކުރުމާއި އިގުތިސާދު ސިންދަފާތުކުރުމަކީ ރާއްޖޭގެ ތަރައްޤީގައި އަދި ޒުވާނުންގެ ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި އިގުތިސާދު ތަރައްޤީކުރުމާއި އިގުތިސާދު ސިންދަފާތުކުރުމަކީ ޒުވާނުންނަށް ފުރުސަތު ފަހިވެގެންދާނެ މަގުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަ ތިން ދާއިރާކަމަށްވާ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ކޮންސްޓްރަކްޝަންގެ އިތުރުން ޑިޖިޓަލް ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ހާމަކުރެއްވިއެވެ. އަދި މި ދާއިރާގެ ތަރައްޤީއަށް ވަރަށް މުހިންމު ލަނޑުދަނޑިއެއް ސަރުކާރުން ކަނޑައަޅާފައިވާކަމަށާއި އެގޮތުން ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ފުޅާކުރުމަކީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފުރުސަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގައި ވަރަށް ކްރިއޭޓިވް ކުދިން އެބަތިބި ކަމަށާއި ޑިޖިޓަލް ދާއިރާގައި ކުރިއަރައިދާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ފަހިކޮށްދެއްވަން ބޭނުންފުޅުވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
