logo
banner image

ރ. ރަސްގެތީމުގައި ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ

ރ. ރަސްގެތީމު، ދިވެހިރާއްޖެ: ރ. ރަސްގެތީމުގައި 257 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 412 ކިލޯވޮޓް ގަޑީގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ހިމެނޭ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގްރިޑްގެ ހަމަޖެހުން އިތުރުކޮށް، ޑީޒަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

މި ނިޒާމު ހިންގަން ފެށުމާއެކު، ރަށުން ޑީޒަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަހަރަކު 120,794 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށާއި، އަދި ކޮންމެ އަހަރަކު 296 ޓަނުގެ ކާބަން ޑައިއޮކްސައިޑް (އިމިޝަން) ވައިގެ ތެރެއަށް ބޭރުކުރާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ވިޝަންގެ ތެރެއިން، 2028 ވަނަ އަހަރާ ހަމައަށް ކަރަންޓު އުފެއްދުމުގެ 33% އާންމުކޮށް އިޔާދަކުރަނިވި ވަސީލަތްތަކުން އުފެއްދުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެ ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.