logo
banner image

ދިވެހި ތަރިކައިގެ ދެމިއޮތުމަށް ޓަކައި މަސްނޫއީ ތޫނުފިލިކަމުގެ ދުނިޔެއަށް، ތަރިކައިގެ ދާއިރާ، ހިޖުރަކުރުން މުހިންމު: ވަޒީރު އާދަމް ނަޞީރު

ދިވެހި ތަރިކަ ދެމިއޮތުމަށްޓަކައި، 'އާޓިފިޝަލް އިންޓެލިޖެންސް' (އޭއައި)ގެ ދުނިޔެއަށް ދިވެހި ތަރިކަ ހިޖުރަކުރަންޖެހޭ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިހާރު އަދި މާދަމާއަކީ ވެސް ސިނާއީ ތޫނުފިލިކަމުގެ ޒަމާނަށް ވުމާއެކު، ދިވެހި ތަރިކައިގެ ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި އޭ އައިގެ ދުނިޔެއަށް ތަރިކަ ހިޖުރަކުރުމަކީ މުހިންމު ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 'މޯލްޑިވްސް 2.0'ގެ ނަމުގައި ޑިޖިޓައިޒޭޝަންގެ ސިޔާސަތެއް އިފްތިތާޙު ކުރައްވާފައެވެ. މި ސިޔާސަތުގެ ދަށުން، ތަރިކައިގެ ދާއިރާ އާ ޒަމާނަށް ހިޖުރަކުރުމަށް ޓަކައި އެކަށޭނަ ޑާޓާ ބޭނުންވާނެކަން ވަޒީރު އާދަމް ނަޞީރު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ މި ތަސައްވުރު ފުރިހަމަކުރެއްވުމަށްޓަކައި، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ވިލަރެސްވެރިން މިހާރު ދަނީ ދުވަސްވީ މީހުންގެ ހަނދާންތައް އެއްކޮށް ރެކޯޑްކުރުމުގެ ޤައުމީ މަޝްރޫއެއް ހިންގަވަމުންނެވެ. މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ދިވެހި ތަރިކަ ޑިޖިޓަލްކޮށް ރައްކާކުރުމާއި، އޭ އައިގެ ދުނިޔެއަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޑާޓާ ބޭސް ގާއިމްކުރުމެވެ.

މީގެ އިތުރުން، ދިވެހީންގެ އަސްލުތައް، ދިވެހީންގެ ސިފަތައް، އަދި ދިވެހީންގެ އުފެއްދުންތައް އެއީ ދިވެހި އެއްޗެއްކަން ކަނޑައެޅޭނެ ގޮތްތައް އިލްމީގޮތުން ކަށަވަރު ކުރުމަށްޓަކައި ޔުނިފޯމް ފްރޭމްވޯކްސްތައް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. މިކަންކަމުގެ ސަބަބުން ދިވެހި ތަރިކައިގެ އަސްލުވަންތަކަން އިތުރަށް ކަށަވަރުވެ، އޭ އައިގެ ދުނިޔޭގައި ދިވެހި ތަރިކަ ދެމިއޮތުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށް ބެލެވެއެވެ.