ރ. އަނގޮޅިތީމުގައި ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ
ރ. އަނގޮޅިތީމުގައި 250 ކިލޯވޮޓްޕީ (kWp) ގެ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ކެޕޭސިޓީ އާއި 412 ކިލޯވޮޓް އަވަރ (kWh) ގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އެކުލެވޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް މިހާރު ދަނީ ޤާއިމުކުރަމުންނެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެކެވެ.

މި ނިޒާމުގެ މަސައްކަތް ނިމި، އަމަލީކޮށް ބޭނުންކުރަން ފެށުމުން، ރ. އަނގޮޅިތީމު ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަކޮށްލާނެއެވެ. ލަފާކުރެވޭ ގޮތުގައި މި ނިޒާމުގެ ސަބަބުން ކޮންމެ އަހަރަކު 117,697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު 288 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރަސް އަށް ބޭރުވުން މަދުކުރެވޭނެކަމަށް ވެސް ވަނީ ލަފާކުރެވިފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަރައްޤީގެ ރޯޑްމެޕްގައި ހިމެނޭ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ %33 އަށްވުރެ ބޮޑުބައި އިޔާދަކުރަނިވި ހަކަތައިގެ މަސްދަރުތަކުން ފޯރުކޮށްދިނުމުގެ ތަޞައްވުރު ޙާޞިލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިފަދަ ނިޒާމުތައް ޤާއިމުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ހަކަތައިގެ ދެމެހެއްޓެނިވި މަސްދަރުތަކަށް ބަރޯސާވުން އިތުރުކުރެވޭނެއެވެ.
