އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއްގެ ޑިޒައިން ކުރުމަށް ހުޅުވާލުން
އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއްގެ ޑިޒައިން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ދުވަހުގެ 14:00 (ދެ ގަޑި ސުންމިނެޓް) އެވެ. މި މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އަދި ޖޮއިންޓް ވެންޗަރގެ ގޮތުގައިވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
މިއީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރީސޯސަސްއިން ކުރިއަށް ގެންދާ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިންދަ ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތުގެ ބޭނުމަކީ، މިވަގުތު މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެ ހުރިހާ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ގޮތަކަށް އުޅަނދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނީ މަސްވެރިންނާއި އަދި މަހުގެ އެކިބާވަތްތައް ތައްޔާރުކުރާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައި މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން، ބާނާމަހުގެ ކޮލޮޓީ ރަނގަޅުކުރުމާއި، ކަނޑުމަތީގައި މަސްވެރިންގެ ރައްކާތެރިކަން އިތުރުކުރުމާއި، ދޯނީގައި މަސް ގިނަދުވަހު ރައްކާކުރެވޭނެ ގޮތްތަކާއި، މަސް ބޭނުމުގެ ތެރޭގައި މަހަށްލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި، ފަސޭހައިން ދޯންޏަށް މަސްއަރުވާ ބޭލޭނެގޮތްތަކާއި، މަސްއައިން ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ގިނަދުވަހަށް އެން ރައްކާކުރެވޭނެ ގޮތްތަކާއި، ތެލަށް ކުރާ ޚަރަދު ކުޑަކުރުމާއި، އަދި ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް ކުރެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކޮށްފައެވެ.
ވީމާ، އަލަށް ފަރުމާކުރާ މަސްވެރި އުޅަނދު ވާނީ މަތީގައިވާ ކަންތައްތަކަށް ރިއާޔަތް ކުރެވިގެން ފަރުމާކުރާ އުޅަނދަކަށެވެ.
މި މަޝްރޫޢަކީ، ކުރިއަށް އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބިނާކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ފުރުސަތެކެވެ.މި ފުރުސަތުގެ ބޭނުން ހިފައި، ޚަރަދުކުޑަ އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނާއި މަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އިޤްތިޞާދީ ކުރިއެރުންތައް ލިބިގެންދާނެއެވެ. މީގެ އިތުރުން، މަސްވެރިކަމަކީ ފައިދާހުރި ވަޒީފާއެއްގެ ގޮތުގައި ކުރެވޭނެ ދާއިރާއެއްގެ ގޮތުގައި ދައްކުވައިދީ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި ކަޅުބިލަމަހުގެ ވާދަވެރިކަން އިތުރުކުރުމަކީވެސް މި މަޝްރޫޢުގެ މުހިއްމު ބޭނުމެކެވެ.މި ޒަމާނީ މަސްވެރި އުޅަނދަކީ، ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، މުޖުތަމަޢާއި ތަރައްޤީގެ ކުރިމަގަށް ކުރާ ސްޓްރެޓީޖިކް އިންވެސްޓްމަންޓެކެވެ.
