ރ. ވާދޫގައި ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް

ރ. ވާދޫގައި ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. މި މަޝްރޫޢުގެ ދަށުން 250 ކިލޯވޮޓް-ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓެއިކް (PV) ކެޕޭސިޓީއާއި 412 ކިލޯވޮޓް ގަޑީގެ (kWh) ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) އެއް ރަށުގައި ޤާއިމުކުރެވޭނެއެވެ.
މި ނިޒާމުގެ މަސައްކަތް ނިމި، ހިންގަން ފެށުމާއެކު ވާދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީޒަލުގެ މިންވަރު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން، ކޮންމެ އަހަރަކު 117,697 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާކުރެވިފައިވެއެވެ. މީގެ އިތުރުން، ޑީޒަލް ބޭނުންކުރުން މަދުވުމުގެ ސަބަބުން ކޮންމެ އަހަރަކު 288 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރޯޅިއަށް ދޫކުރުންވެސް މަދުވެގެންދާނެއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގެ ހަކަތައިގެ ސެކްޓަރަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަދަ މަޝްރޫޢުތައް ހިންގުމަކީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މުހިންމު ކަމެކެވެ.
