ރާއްޖޭގައި ތިބޭ ޗައިނާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ގުޅިފައިވާ ބައްދަލުވުމުގެ 7 ވަނަ ޖަލްސާ، ޗައިނާ އެމްބަސީ އިން އިންތިޒާމުކުރައްވައިގެން މިއަދު ބާއްވައިފި
މިއަދު މާލޭގައި ޗައިނާ އެމްބަސީން އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގައި ތިބޭ ޗައިނާގެ ރައްޔިތުންގެ ސަލާމަތާ ބެހޭ ގުޅިފައިވާ ބައްދަލުވުމުގެ 7 ވަނަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ޗައިނާގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއިން ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި ދެޤައުމުގެ ސަރުކާރުގެ މުހިންމު ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިން ބައިވެރިވެފައިވެއެވެ. ބައިވެރިން ވަނީ ޗައިނާގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއިން ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، މިހާރު ހުރި ނިޒާމުތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަނަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް ވަނީ ފަތުރުވެރިކަމުގެ ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ޗައިނާގެ ފަތުރުވެރިންނާއި އެހެނިހެން ހުރިހާ ފަތުރުވެރިންގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް، މުޅި ފަތުރުވެރިކަމުގެ ސިނާއަތުގެ އެއްބާރުލުން ބޭނުންފުޅުވާކަމަށް ޑރ. ނިޔާޒް ވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
