3 ވަނަ ވޯލްޑް ކަލްޗަރސް ފެސްޓިވަލްގައި ދިވެހިރާއްޖޭގެ އެމްބަސީން ބައިވެރިވެއްޖެ
ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން މި ހިނގާ ޑިސެމްބަރު މަހުގެ 12 އިން 14 އަށް ތުރުކީގެ އަންކާރާގައި ބޭއްވުނު 3 ވަނަ ވޯލްޑް ކަލްޗަރސް ފެސްޓިވަލްގައި ކާމިޔާބުކަމާއެކު ބައިވެރިވެއްޖެއެވެ.
63 އަށް ވުރެ ގިނަ ޤައުމުތަކުގެ ބައިވެރިވުމާއެކު ބޭއްވުނު މި ކުލަގަދަ ފެސްޓިވަލަކީ، ދިވެހި ސަޤާފަތް ބައިނަލްއަޤްވާމީ ދުނިޔެއަށް ދައްކާލުމަށް ލިބުނު ތާރީޚީ ފުރުޞަތެކެވެ. މި ފެސްޓިވަލްއަށް ޒިޔާރަތްކުރި ފަރާތްތަކަށް ދިވެހިރާއްޖޭގެ ސްޓޯލުން ރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ ތަފާތު ތަޖުރިބާތަކެއް ވަނީ ހުށަހަޅައިދީފައެވެ. އެގޮތުން، މި ސްޓޯލްގައި ހިމެނުނު މުހިންމު ކަންތައްތައްތަކުގެ ތެރޭގައި، ދިވެހި އަތްތެރި މަސައްކަތުގެ ތަރިކައާ، ދިވެހި ހެދުންތައް ދައްކާލުމާއި، ދިވެހި ކާނާގެ ބާވަތްތަކުގެ ރަހަ ބެލުމުގެ ފުރުޞަތު ވަނީ ދެވިފައެވެ. އަދި މީގެ އިތުރުން، ޒިޔާރަތްކުރި ފަރާތްތަކަށް ތާނަ އަކުރު ދައްކާލުމާއި، އެހެނިހެން ސަޤާފީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި މިދާއިރާއާ ގުޅުންހުރި ފުރުޞަތުތައް ހިއްސާކޮށް، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ތަޖުރިބާ ކުރެވޭނެ ލަގްޒަރީ މަންޒިލެއްގޮތުގައި ވަނީ އިޝްތިހާރުކޮއްފައެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ތުރުކީގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ކުރާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެގޮތުން ފެސްޓިވަލްގެ ބައިވެރިންގެ ތެރެއިން އެކިފަރާތްތަކާ އެމްބަސީގެ މުވައްޒަފުން ވަނީ ބައްދަލުކުރައްވާ މަޢުލޫމާތު ހިއްސާކުރެވިފައެވެ.

މި ފެސްޓިވަލްގެ އެންމެ މުހިންމު އެއްކަމެއް ގޮތުގައި ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނަންޓް ޖެނެރަލް (ރޓޑ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ދިވެހި ބަހުން ވާހަކަފުޅު ދައްކަވާފައެވެ. ދިވެހި އަމިއްލަ ބަސް ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއެރުވުމަށާއި، ޤައުމީ ބަހަށް އިޙްތިރާމް ކުރުމުގެ ގޮތުން ދިވެހި ބަހާއި އެކު އިނގިރޭސި އަދި ތުރުކީ ބަހުން އެމަނިކުފާނުގެ ވާހަކަފުޅުގެ ތަރުޖަމާ ވަނީ ސްޓޭޖުގެ ސްރީންގައި އަޅުވާފައެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި، މިފަދަ ފެސްޓިވަލްތަކަކީ، ޤައުމުތަކުން އެޤައުމެއްގެ ސަޤާފަތް ކުރިއެރުވުމަށާއި، އެއް ޤައުމު އަނެއް ޤައުމުގެ ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ ވަރަށް މުހިންމު މަންސައެއް ކަމާއި، މިފެސްޓިވަލްގެ ސަބަބުން، ޤައުމުތަކުގެ ދެމެދު އެއް ޤައުމުން އަނެއް ޤައުމެއްގެ ޘަޤާފަތާ މެދު ކުރާ އިޚުތިރާމް އިތުރުވެގެންދާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ފެސްޓިވަލްއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ދިވެހިރާއްޖޭގެ މަޝްހޫރު ސަޤާފީ ބޭންޑް، ހަބޭސް ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތަކުންނެވެ. ދިވެހި ބޮޑުބެރުގެ ހިތްގައިމު އަޑުތަކާއި ހަރަކާތްތަކުން ބެލުންތެރިންގެ ހިތްތައް އަތުލާ، ދިވެހި ސަޤާފީ އެކި ހަރަކާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަރާތްތަކަށް ތަޖުރިބާކުރެވި، މުޅި ފެސްޓިވަލް ދިވެހި ރޫޙުން ފުރިގެން ދިޔައެވެ. މިއީ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ޘަޤާފީ ބޭންޑަކުން ތުރުކީގައި ރާއްޖޭގެ ޘަޤާފީ މިއުޒިކާއި ނެށުން ހުށަހަޅައިދީފައިވާ ފަހަރެވެ.

އަހަރަކު އެއްފަހަރު އަންކާރާގައި ބާއްވާ ވޯލްޑް ކަލްޗަރސް ފެސްޓިވަލްއަކީ ތުރުކީގެ ބައިނަލްއަޤުވާމީ ސަގާފީ އަދި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފައުންޑޭޝަނެއް ކަމަށްވާ އެބްރިޝެމް އެންޑް ސިރުސް ފައުންޑޭޝަނުން ތުރުކީގައި ހުންނަ އެމްބަސީ ތަކާއި ގުޅިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި، ޑިޕްލޮމެޓިކް ރެޕްރެސެންޓޭޝަން އެންމެ ގިނަ އަދަދަކަށް ބައިވެރިކުރެވުނު ބައިނަލްއަޤުވާމީ އޮނިގަނޑެއްގެ ގޮތުގައި ގިނަސް ވޯލްޑް ރެކޯޑްސް އަށް ވެސް މި ފެސްޓިވަލް ވަނީ ކުރިމަތިލާފައެވެ. އަދި މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ވެސް ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ދެއްވާފައެވެ.
