logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.17 ފައިސާ ލިބެންވީ އަސްލު ފަރާތާ ފައިސާ ހަވާލުކުރުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.

ފައިސާ ލިބެންވީ އަސްލު ފަރާތާ ފައިސާ ހަވާލުކުރުން

6.17

(ހ) ޚަރަދަށް ނަގާ ފައިސާ ހަވާލުކުރަންވާނީ، އެ ފައިސާއެއް ލިބެންވީ އަސްލު ފަރާތާއެވެ. އެ ފައިސާ ލިބުން ޙައްޤުވާ ފަރާތް ފިޔަވައި އެހެން ފަރާތަކާ ފައިސާ ހަވާލުކުރަންވާނީ، އެ ފައިސާ ލިބެންވީ މީހާ ރަށުގައި ނެތުން، ނުވަތަ އެހެންވެސް ސަބަބަކާހުރެ އެ ފައިސާ ހަވާލުކުރަންޖެހޭ ވަގުތުގައި އެ މީހާއަށް ފައިސާއާ ހަވާލުވެވެން ނެތްނަމައެވެ. މިފަދަ ގޮތެއް ދިމާވެގެން އެ ފައިސާ އެހެން މީހަކާ ހަވާލުކުރެވޭނީ، އެ މީހަކާ އެ ފައިސާ ހަވާލުކުރުމަށް އެދި ފައިސާ ލިބެންވާ އަސްލު ފަރާތުން ސޮއިކޮށް، ފިންގަރޕްރިންޓް ޖަހައިފައިވާ ލިޔުމަކާއި، ފައިސާ ލިބެންވާ އަސްލު ފަރާތުގެ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއްގެ ކޮޕީއެއް އޮވެގެންނެވެ.

(ށ) އޮފީހުގެ ފައިސާއާއި ފައިސާގެ ހިސާބުތަކާބެހޭ އެއްވެސް މުވައްޒަފަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަމަވެސް، އެހެން މީހެއްގެ ބަދަލުގައި އޮފީހުގެ ފައިސާއެއް ހަވާލުކޮށްގެން ނުވާނެއެވެ.

(ނ) ޚަރަދަށް ނަގާ ފައިސާ ހަވާލުކުރުމުގައި އެ ފައިސާ ބަލައިގަތް މީހާގެ ނަމާއި، ސޮޔާއި، ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއްގެ ނަންބަރު އޮންނަންވާނެއެވެ. އަދި އެ ފައިސާއެއް ލިބޭ ފަރާތަކީ ބިލު ނުވަތަ ރަސީދު ނުވަތަ އިންވޮއިސް ހަދާ ފަރާތެއްނަމަ، ބިލު ނުވަތަ ރަސީދު ނުވަތަ އިންވޮއިސް އޮންނަންވާނެއެވެ. ތައްގަނޑު އޮންނަ ތަނެއްނަމަ، ފައިސާ ލިބުނުކަމުގެ ތައްގަނޑާއި ފައިސާ ބަލައިގަތް ތާރީޚު ޖަހައިފައި އޮންނަންވާނެއެވެ. ޑައިރެކްޓް ކްރެޑިޓަކުން ފައިސާ ދެއްކިނަމަ، ޑައިރެކްޓް ކްރެޑިޓުގެ ރިފަރެންސާއި، ޗެކަކުން ފައިސާ ދެއްކިނަމަ ޗެކު ނަންބަރު އެނގެން އޮންނަންވާނެއެވެ.

(ރ) އެއްވެސް ކަމަކަށް ދޭންޖެހޭ ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު މީހާގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެއެވެ. އެ ފަރާތުން ފައިސާ ނުލިބިއްޖެނަމަ، އެ ފައިސާ ހޯދުމުގެ ކަންކަން، މާލިއްޔަތުގެ މައްސަލަތައް ބެލުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހަޅައިގެން ކުރިޔަށް ގެންދަންވާނެއެވެ.