logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.16 ޑެބިޓްކާޑާއި ކްރެޑިޓްކާޑުން ފައިސާ އަދާކުރުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.

ޑެބިޓްކާޑާއި ކްރެޑިޓްކާޑުން ފައިސާ އަދާކުރުން

6.16

(ހ) ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ބޭނުންކުރުމަށް މިނިސްޓަރުގެ ހުއްދަޔާއެކު ޑެބިޓްކާޑާއި ކްރެޑިޓްކާޑު އޮފީހުގެ ނަމުގައި ހެއްދިދާނެއެވެ. ކާޑު ބޭނުންކޮށްގެން ޚަރަދުކުރެވޭނީ، ބަޖެޓު ކުރެވިފައިވާ ކަންތައްތަކަށް، މި ގަވާއިދުގައި ހުއްދަކުރާ ޚަރަދުތަކަށެވެ. ކާޑު ބޭނުންކުރުމުގެ ހުއްދައަށް އެދި މިނިސްޓަރަށް ލިޔާއިރު، ފައިސާ ޚަރަދުކުރަން ބޭނުންވާ ކަންތައްތަކާއި، އެންމެ ގިނަވެގެން ފައިސާ ޚަރަދުކުރާނެ އަދަދެއް ބަޔާންކުރަންވާނެއެވެ.

(ށ) ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ޚަރަދުތައް، އެ ޚަރަދެއް ކޮށް ނިމޭތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ޚަރަދުތައް ބަޖެޓު ހިސާބުތަކުގެ ތެރޭގައި ހިމެނުމަށް ޓަކައި، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރެއްގައި ނުވަތަ އެހެންވެސް ދަތުރެއްގައި ކާޑުން ކުރާ ޚަރަދުތައް، އެ ދަތުރެއް ނިންމައިފައި އަންނަތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައި، ބަޖެޓު ހިސާބުތަކުގައި ހިމަނަންވާނެއެވެ.

(ނ) ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ބޭނުންކޮށްގެން ގަވާއިދާ ޚިލާފަށް ޚަރަދުކުރާކަން ފާހަގަކުރެވިއްޖެނަމަ، ކާޑު އަތުލުމުގެ ނުވަތަ ކެންސަލްކުރުމުގެ އިޚުތިޔާރު، އެކައުންޓަންޓް ޖެނެރަލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ޚިދުމަތް ހޯދަންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.