logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.13

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.

ޗެކުން ފައިސާ ދޫކުރުމާއި، ޗެކަށް ފައިސާ ނެގުން

6.13

(ހ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިނުކޮށް ޗެކުން ފައިސާ ދޫކުރެވޭނީ، އެކައުންޓަންޓް ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޫކުރާ ޗެކުތައް ފިޔަވައި ދޫކުރަންޖެހޭ އެހެން ޗެކުތަކުގައި ސޮއިކުރާއިރު، ޗެކުގެ ކައުންޓަރފޮއިލުގައި، އެ ޗެކެއްގައި ސޮއިކުރި ވެރިޔަކު ސޮއިކުރަންވާނެއެވެ. އަދި ޗެކާއި ކައުންޓަރފޮއިލުގައި ލިޔެފައިވާ އަދަދު އެއްގޮތްތޯއާއި، ކައުންޓަރފޮއިލުގައި ފުރިހަމަކުރަން ހުންނަ ބައިތައް ފުރިހަމަކޮށްފައިވޭތޯ ރަނގަޅަށް ބަލަންވާނެއެވެ.

(ނ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ ބޭންކަކުން ފައިސާ ނެގުމަށް ހަދާ ޗެކުތަކުގައި، އެ ތަނެއްގެ ނަމާއި، ފައިސާ ނަގަން ފޮނުވާ މުވައްޒަފުގެ ނަން އޮންނަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީސްތަކުން ހަދާ ޗެކުތަކުގެ ތެރެއިން -/25,000 (ފަންސަވީސް ހާސް) ރުފިޔާއިން ފެށިގެން މަތީ އަދަދުތަކުގެ ޗެކުތަކުގައި ސޮއިކުރުމަށް ހުއްދަ އޮންނަ ވެރިންގެ ތެރެއިން ދެ މީހަކު ޗެކުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ބ) ދައުލަތުގެ އޮފީސްތަކުން ހަދާ ޗެކުގައި ޖެހުމަށް ޚާއްޞަ ތައްގަނޑެއް ހަދައި، ޗެކު ދޫކުރަންވާނީ، އެ ތައްގަނޑު ޖަހައިފައެވެ. މި ތައްގަނޑު ބާއްވާނީ، ޗެކުގައި ސޮއިކުރުމުގެ ހުއްދަ އޮންނަ ވެރިޔެއްގެ ބެލުމުގެ ދަށުގައެވެ. ނަހަދައި ހުންނަ ޗެކުތަކުގައި، ކުރިން ތައްގަނޑު ޖަހައިފައި ބަހައްޓައިގެން ނުވާނެއެވެ.

(ޅ) ޗެކުފޮތްތައް ބަހައްޓަންވާނީ، ފައިސާއެކޭ އެއްގޮތަށް ތިޖޫރީގައި ރައްކައުކޮށްފައެވެ. ޗެކުފޮތް ހުސްވުމަށްފަހު އޮންނަ ކައުންޓަރފޮއިލުތައް ވެސް ބަހައްޓަންވާނީ، ބޭނުން ކޮންމެ ވަގުތަކު ބެލޭނެގޮތަށް، ތަޅުލެވޭ ތަނެއްގައި ރައްކައުކޮށްފައެވެ.