"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.12 ޗެކުގެ ބަދަލުގައި އަލުން ޗެކު ދޫކުރުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.
ޗެކުގެ ބަދަލުގައި އަލުން ޗެކު ދޫކުރުން
6.12
(ހ) ކުރިން ދޫކޮށްފައިވާ ޗެކެއްގެ ބަދަލުގައި، އަލުން ޗެކެއް ދޫކުރެވިދާނެއެވެ. އަލުން ޗެކު ދޫކުރުމުގައި، ކުރިން ދޫކުރި ޗެކަށް ވެފައިވާ ގޮތް ރަނގަޅަށް ބަލައި ޗެކުކުރަންވާނެއެވެ.
(ށ) ފައިސާ ލިބެންވާ ފަރާތާ ހަވާލުކުރެވިފައިވާ ޗެކެއް ގެއްލިގެން ނުވަތަ ހަލާކުވެގެން އަންގައިފިނަމަ، އެ ޗެކަށް ފައިސާ ނެގުން ހުއްޓުވުމަށް ޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ވަގުތުން ކުރަންވާނެއެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން ޢަމަލުކުރަންވާނެއެވެ.
(1) ޗެކަށް ފައިސާ ނަގައިފައި ނުވާނަމަ، އެ ފަރާތަށް އަލުން އައު ޗެކެއް ދޫކުރުން؛
(2) ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާނަމަ، އެ ފައިސާ އަލުން ދޫކޮށްދެވެން ނެތްކަން، ޗެކު ލިބެންވީ ފަރާތަށް އެންގުން.
(ނ) ދޫކޮށްފައިވާ ޗެކެއް، ފައިސާ ލިބެންވާ ފަރާތަށް ލިބިފައި ނުވާކަމަށް ބުނާނަމަ، އެ ޗެކު ކެންސަލްކުރުމަށް ވަގުތުން ބޭންކަށް އަންގަންވާނެއެވެ. އަދި ބޭންކުން އެ ފައިސާ ދޫކޮށްފައި ނުވާނަމަ، އަލުން ޗެކެއް އެ ފަރާތަށް ދޫކުރަންވާނެއެވެ.
(ރ) ޗެކު ލިބެންވާ ފަރާތުން ޗެކު ލިބިފައި ނުވާކަމަށް ނުވަތަ މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް މެދުވެރިވެއްޖެކަމަށް ބުނާއިރު ބޭންކުން އެ ފައިސާ ދޫކޮށްފައިވާނަމަ، އެ ޗެކު ލިބިފައި ނުވާކަމަށާއި، އެ ޗެކާ ހަވާލުވުމުގެ ހުއްދަ އެހެން ފަރާތަކަށް ދީފައި ނުވާނެކަމަށް ޗެކު ލިބެންވާ ފަރާތުން ލިޔުމަކުން އަންގަންވާނެއެވެ. އަދި އެ ޗެކަށް ވީގޮތެއް ބަލައި، ފައިސާ ނަގައިފައިވާ މައްސަލަ، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ލިޔުން އެކައުންޓަންޓް ޖެނެރަލަށް ލިބުމުން، އެކަމުގައި ފައިސާ ލިބެންވާ ފަރާތުން އޮޅުވައިލައިފައިވާކަމަށް ނުފެންނަނަމަ، އަލުން ޗެކެއް ދޫކުރުމުގެ ކަންތައް ހަމަޖައްސަންވާނެއެވެ.
(ޅ) ޗެކު ލިބިފައިނުވާކަމަށް ބުނާ ފައިސާ އަލުން އަނބުރާ އެ ފަރާތަށް ދޭންޖެހޭނަމަ، މި ފައިސާ ޚަރަދުކުރާނީ، މި ފައިސާ ކުރިންވެސް ނަގައިފައިވާ އައިޓަމުންނެވެ.
(ކ) ކުރިން ދޫކޮށްފައިވާ ޗެކުގެ ފައިސާ، އެ ޗެކު ދޫކޮށްފައިވާ ބޭންކަކުން ނުވަތަ އެ ފަރާތަކުން ނުވަތަ އެ ވިޔަފާރިއަކުން އަނބުރާ ހޯދަންވާނެއެވެ.