logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.11 އެކިއެކި ފަރާތްތަކަށް ފައިސާ ހަވާލުކުރުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.

އެކިއެކި ފަރާތްތަކަށް ފައިސާ ހަވާލުކުރުން

6.11

(ހ) ފައިސާ ހަވާލުކުރުމަކީ، ދައުލަތުން ހޯދައިފައިވާ ޚިދުމަތަކަށް ނުވަތަ ކުރުވައިފައިވާ މަސައްކަތަކަށް ނުވަތަ ހޯދައިފައިވާ އެއްޗަކަށް ނުވަތަ އެއްބަސްވުމެއްގެ ދަށުން އެޑްވާންސްކޮށް ދޭންޖެހޭ ފައިސާ، ނުވަތަ މުވައްޒަފުންނަށް ހަވާލުކުރަންޖެހޭ ފައިސާ، ނުވަތަ މިނޫންވެސް ގޮތަކުން ދައުލަތުން އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، އެ ފައިސާ ލިބެންވާ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ހަވާލުކޮށް އެކަން ކަށަވަރުކުރުމެވެ. މިގޮތުން ފައިސާ ހަވާލުކުރެވޭނީ، އެކައުންޓް ޓްރާންސްފަރއިން، ނުވަތަ ޗެކުން، ނުވަތަ ނަގުދުފައިސާއިންނެވެ.

(ށ) އެކި ފަރާތްތަކަށް ދެއްކުމަށް އެކައުންޓުން ނަގާ ނަގުދުފައިސާ، މަޤުބޫލު ސަބަބެއް މެދުވެރިނުވާނަމަ، އެ ފައިސާ ނަގާތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމަންވާނެއެވެ.

(ނ) އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަދާ ޗެކުތައް، ޗެކު ހަދާ ތާރީޚުން ފެށިގެން، އެންމެ ލަސްވެގެން ވެސް، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޗެކު ހަވާލުކުރަންޖެހޭ ފަރާތަކާ ހަވާލުކުރަންވާނެއެވެ.

(ރ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް އެކައުންޓް ޓްރާންސްފަރއިން ފައިސާ ދައްކާނަމަ، ދައުލަތުގެ އޮފީސްތަކުން ފޮނުވާ ޕޭމަންޓް ވައުޗަރު މިނިސްޓްރީއަށް ލިބުމުން، ޓްރާންސްފަރ ހެދުމަށް ބޭންކަށް ފޮނުވުމަށްފަހު، އެ ފައިސާ ލިބެންވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ބ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިނުކޮށް އެކައުންޓް ޓްރާންސްފަރއިން ފައިސާ ދައްކާނަމަ، ޕޭމަންޓް ވައުޗަރު ތައްޔާރުކޮށް، ފައިސާ ޓްރާންސްފަރކުރުމަށް ބޭންކަށް ފޮނުވަންވާނެއެވެ. އަދި ފައިސާ ލިބެންވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ޅ) އެކައުންޓަންޓް ޖެނެރަލް ދޭ ހުއްދައެއްގެ ދަށުން މެނުވީ، ފައިސާ ދެއްކުމަށް ޓަކައި ތައްޔާރުކުރެވޭ ހުރިހާ ޗެކުތަކެއް ވެސް ތައްޔާރުކުރަންވާނީ، "އެކައުންޓް ޕޭއީ އޮންލީ" ނުވަތަ "ނޮޓް ނެގޯޝިއަބަލް" ޖެހުމަށްފަހު، ފައިސާ ލިބެންވާ ފަރާތް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ފައިސާ ނުނެގޭނެ ގޮތަށެވެ.

(ކ) ހުރިހާ ޗެކެއްގައި ވެސް ސޮއިކުރަންވާނީ، އެކައުންޓަންޓް ޖެނެރަލް ހުއްދަދޭ ވެރިޔަކު އެކައުންޓަންޓް ޖެނެރަލް އަންގާ ގޮތެއްގެ މަތީންނެވެ. މިގޮތުން އިލެކްޓްރޯނިކް ސިގްނެޗަރ ނުވަތަ މެނުއަލްކޮށް ސޮއިކޮށްގެން ޗެކު ދޫކުރެވިދާނެއެވެ.

(އ) އަނބުރާ ލިބޭ ޗެކުތަކާއި، ހަވާލުނުވެ ހުރި ޗެކުތަކާއި، މުއްދަތު ހަމަވެފައިހުރި ޗެކުތަކާއި، އަނބުރާ ލިބޭ އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ.

(ވ) އަނބުރާ ލިބޭ ނުވަތަ ހަވާލުނުވެހުރި ޗެކު ލިބެންވާ ފަރާތް އެ ވަގުތަކު ދިރިއުޅޭ އެޑްރެސް ސާފުނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަނބުރާ ލިބިއްޖެނަމަ، އަދި އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރގެ ގޮތުގައި ދައްކާ ފައިސާއެއް އަނބުރާ ލިބިއްޖެނަމަ، އެ ކްރެޑިޓަރެއްގެ ޞައްޙަ ބޭންކް އެކައުންޓު ނަންބަރު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ.

(މ) އަނބުރާ ލިބޭ ޗެކުތަކާއި، ހަވާލުނުވާ ޗެކުތަކާއި، އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރއިން ދައްކާ ފައިސާ އަނބުރާ ލިބުމުން، އެ ފައިސާ ލިބެންޖެހޭ ފަރާތަކާ ގުޅުމަށް މަސައްކަތްކޮށް އެ ފަރާތަކާ ގުޅޭގޮތް ނުވެއްޖެނަމަ، އެ ފައިސާ "ރިސިޕްޓްސް އިން ސަސްޕެންސް ރިޓަރންޑް ޕޭމަންޓްސް" އެކައުންޓަށް ޖަމާކުރަންވާނެއެވެ.

(ފ) މުއްދަތު ހަމަވެފައިވާ ޗެކުތައް ޓްރަސްޓް ފަންޑުގެ "ރިސިޕްޓްސް އިން ސަސްޕެންސް ސްޓޭލް ޗެކް" އެކައުންޓަށް ޕޯސްޓްކުރަންވާނެއެވެ.

(ދ) "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓުގައި ހުންނަ ފައިސާ، އެ އަހަރު ނިމޭއިރު ވަކިގޮތަކަށް ނުނިމިއްޖެނަމަ، މިނިސްޓްރީއަށް ލިޔެގެން، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް އެ ފައިސާ ޓްރާންސްފަރ ކުރަންވާނެއެވެ.