logo
banner image

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑް ބޭނުންކުރުން

ދިވެހިރާއްޖެއަށް އެތެރެކުރެވޭ ޕެސްޓިސައިޑަށް ހުއްދަ ދެމުން ގެންދަނީ، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން ޚާއްޞަ ހުއްދައެއްގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސުންނެވެ. އެ މިނިސްޓްރީން ހުއްދަ ދޭއިރު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިޢުތިރާޒެއްނެތްކަން ކަށަވަރުކުރަމުން ގެންދެއެވެ. ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ، ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީއެއް ހެދުމަށްފަހު މި މިނިސްޓްރީން ވާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މިރަޖިސްޓަރީ އެކުލަވައިލުމުގައި WHO ޓޮކްސިޓީ ކިލާހުގައި ހިމެނޭ Ia އަދި Ib ގެ ވިހަގަދަ އެއްވެސް ޕެސްޓިސައިޑެއް ހިމަނާފައިނުވާނެއެވެ. މީގެއިތުރުން، WHO ޓޮކްސިޓީ ކިލާސް II ގައި ހިމެނޭ ގިނަ ޢަދަދެއްގެ ޕެސްޓިސައިޑުގެ އިތުރުން ރޮޓަޑާމް ކޮންވެންޝަންގެ އެނެކްސް III ގައި ހިމެނޭ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވެއެވެ. އަދި މަސްމަހާމެއްސަށާއި، ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ފަނިފަކުސަ ފިޔަވައި ވެށީގައި އުޅޭ އެހެން ދިރުންތަކަށް ވިހަގަދަ، އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވެއެވެ. މީގެބަދަލުގައި ތިމާވެއްޓާ ރަށްޓެހި ގިނަ ޢަދަދެއްގެ ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސްއާއި (ނެޗްރަލް އެނެމީސް) ހިމެނިފައިވެއެވެ.

ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން އިންސާނުންނަށާއި، ޖަނަވާރުންނަށާއި، އެއްގަމާއި ކަނޑުގެ ވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ބޭނުންވާނެ އެންމެހާ ސަލާމަތީ ފިޔަވަޅުތައް ޕެސްޓިސައިޑު ބޭނުންކުރާ އެންމެހާ ފަރާތްތަކުން އަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ނުރަނގަޅު ގޮތުގައި ޕެސްޓިސައިޑުގެ ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ހިރާސްތަކުން ރައްކާތެރިވުމަށްޓަކައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން ޕެސްޓިސައިޑު ގަނެ، އެބޭނުންކުރާ ފަރާތްތައް ހޭލުންތެރިވުމަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ގަވާއިދުގައި ޕެސްޓިސައިޑު ވިއްކާ ފަރާތްތަކަށް ލާޒިމުކޮށްފައިވެއެވެ. އަދި ވިއްކާ ކޮންމެ ޕެސްޓިސައިޑަކާ ބެހޭގޮތުން މިނިސްޓްރީން ޢާއްމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުން މަޢުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި، ޕެސްޓިސައިޑު ގަންނަ ފަރާތްތަކަށް ގަންނަ ކޮންމެ ޕެސްޓިސައިޑަކާއެކު މަޢުލޫމާތު ކަރުދާސް ފޯރުކޮށްދިނުމަށްވެސް އެގަވާއިދުގައި ލާޒިމުކޮށްފައިވެއެވެ.

މި މިނިސްޓްރީން ހިންގާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގުރާމްތަކުގައާއި، ދަނޑުވެރިކަންކުރުމުގައި ގެންގުޅޭ ރަނގަޅު އާދަތަކަށް ދަނޑުވެރިން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގުރާމްތަކުގައިވެސް ރަނގަޅުގޮތުގައި ޕެސްޓިސައިޑު ބޭނުންކުރުމާބެހޭ މަޢުލޫމާތު ދެމުންގެންދެއެވެ. އަދި މިފަދަ ތަމްރީނު ޕްރޮގުރާމްތަކުގައި އިންޓްގްރޭޓެޑް ޕެސްޓް މެނޭޖްމަންޓްގެ (ގެއްލުންދެނިވި ފަނިފަކުސަ ކޮންޓްރޯލުކުރުމުގައި ގެންގުޅޭ އެކުވި ގޮތްތައް) ތިމާވެއްޓާ ރަށްޓެހި ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސްއާއި، އިންސެކްޓް ޓްރެޕް ފަދަ މިނޫންވެސް ގޮތްތަކުގެ ބޭނުންހިފުމަށް ބާރުއަޅާ އެފަދަ މަޢުލޫމާތުތައްވެސް ފޯރުކޮށްދެއެވެ.

ޕެސްޓިސައިޑު ބަންދުކޮށްފައި ހުންނަ ކަންވާރުގައި ހަރުކޮށްފައި ހުންނަ ލޭބަލަކީ، ޤާނޫނީ ލިޔުމަކަށްވާއިރު ޕެސްޓިސައިޑާބެހޭ މުހިއްމު މަޢުލޫމާތުތައް އޭގައި ހިމެނިފައިވެއެވެ. މީގެތެރޭގައި ޕެސްޓިސައިޑު ބޭނުންކުރާ ގޮތާއި، ޕެސްޓިސައިޑު ބޭނުންކުރާ މީހާއާއި، ވެއްޓާއި، ވެށީގައި އުޅޭ ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ސޫފާސޫފި ފިޔަވައި އެހެނިހެން ދިރުންތައް ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ޕެސްޓިސައިޑަށް ހާސާވުމުން ލިބޭ ޞިއްޙީ ގެއްލުންތަކާއި، ޕެސްޓިސައިޑު ނައްތާލާނެ ގޮތާއި، ފުރަތަމަ ޞިއްޙީ އެހީއާއި، އެތެރެހަށްޓަށް ޕެސްޓިސައިޑު އެތެރެވެއްޖެނަމަ ދޭނެ ވިހާގެ ބޭހާބެހޭ މަޢުލޫމާތުވެސް ލޭބަލުގައި ހިމެނިފައިވެއެވެ. ޕެސްޓިސައިޑު ބޭނުންކުރާ ފަރާތްތަކުން އެތަކެތި ބޭނުންކުރުމުގައި ލޭބަލުގައާއި، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރާނަމަ ޕެސްޓިސައިޑުން ޞިއްޙަތަށް އޮތް ހިރާސް ވަރަށް ކުޑަވާނެއެވެ.

ދިވެހިރާއްޖޭގައި އުފައްދާ މޭވާއާއި ތަރުކާރީގެ އިތުރުން ބޭރުން އެތެރެކުރެވޭ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޞިއްޙަތަށް ކޮށްފާނެ ހިރާސް ދެނެގަތުމަށްޓަކައި އެތަކެތި ޓެސްޓުކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލެވެ. މިކަމުގެ ޤާބިލުކަން ހޯދުމަށްޓަކައި މި މިނިސްޓްރީންނާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި މިފަދަ އުފެއްދުންތައް ތަޙުލީލުކުރުމުގެ ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށްތަކަށް ޤާނޫނުގައި ވަނީ އަދަބު ކަނޑައެޅިފައެވެ. އަދި މިޤާނޫނާ ޚިލާފަށް ކުރެވޭ ކަންކަން ރިޕޯޓުކުރުންވެސް މިޤާނޫނުގެ ދަށުން ލާޒިމުކުރެއެވެ.

20 ޖުމާދަލްއާޚިރާ 1447

10 ޑިސެންބަރު 2025