logo
banner image

ފުވައްމުލައް ސިޓީ އަދި ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ތަމްރީނު ދިނުމަށް ޚާއްސަ މަރުކަޒުތަކެއް ޤާއިމުކުރަނީ

ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ފުވައްމުލައް ސިޓީ އާއި ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ދިނުމަށް ޚާއްސަ އިންސްޓިޓިއުޓްތައް ގާއިމުކުރުމުގެ މަޝްރޫއުތަކުގައި މިނިސްޓްރީއާއި ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މަތީ ތަޢުލީމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކޮށް، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތްފޯރާއަގެއްގައި އެކޮމޮޑޭޝަން ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

މި މަޝްރޫއުތަކުގައި ބިނާ ކުރެވޭ އިންސްޓިޓިއުޓްތަކުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ކްލާސް ރޫމްތަކާއި އައި. ސީ. ޓީ ލެބޯޓަރީއާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން ސެމިނަރ/މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމް އަދި ލައިބްރަރީ ވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން މަތީ ތަޢުލީމުގެ ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް މަދުވެ، ރަށުން ބޭރުން އަންނަ ދަރިވަރުންނަށް މި ރަށްތަކުގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް އުނގެނުމަށް މަގުފަހިވެގެންދާނެއެވެ.