logo
banner image

ޤަވާއިދާ ޚިލާފަށް އަލިފުށީގައި އުޅޭ ބިދޭސީން ހޯދުމަށް ޚާއްސަ މަސައްކަތެއް ފަށައިފި

ރ. އަލިފުށީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައް ހައްލުކުރުމަށް ރ. އަލިފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށު ކައުންސިލުން ހާއްސަ މަސައްކަތެއް ފަށައިފިއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން ޤަވާއިދާ ޚިލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މި މަސައްކަތުގައި މައުލޫމާތު އެއްކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގެ ހާލަތު ދެނެގަތުމާއި އެތަންތަނުގެ ވެރިފަރާތްތަކަކީ ކޮބައިތޯ ބަލައި ޒިންމާދާރު ގޮތެއްގައި އެފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދިނުމަށްވަނީ ހަމަޖެހިފައެވެ.

އަދި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއުމަން ޓްރެފިކިންގ އަދި މަނީ ލޯންޑަރ ފަދަ ޖިނާއީ ކުށެއް ފާހަގަވެއްޖެނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީވެސް މިމަސައްކަތުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން މިހާތަނަށް 74 ބިދޭސީއެއްގެ މައުލޫމާތު އެއްކުރެވިފައިވާއިރު، އެއްވެސް ލިޔެކިޔުމެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދާ 3 ބިދޭސީއެއް ވަނީ ފާހަގަކުރެވިފައެވެ. އަދި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައިފާސްކޮށް، އެއް ވިޔަފާރިއެއްގެ މައުލޫމާތު ނަގާފައިވެއެވެ.