logo
banner image

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ފައިސާތަކެއް ފޭރުނު މީހެއް ހައްޔަރުކޮށްފި

މީހެއްގެ ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރުފިޔާއަށް ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ)އެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަމަށް 2025 ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައާ ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 4 ވަނަ ދުވަހުއެވެ.

މިމައްސަލައިގެ ތަހުގީގަށް އެނިފައިވާގޮތުގައި މިމީހާ ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި އެފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އޯޓީޕީ ހޯދައިގެން އެކައުންޓް ކޮންޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތައް އަނެއްކާވެސް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ.

ސްކޭމްތައް އިތުރުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދުނުއިރު މިދިޔަ މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

އަދި މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

އެންޓި ސްކޭމް ސެންޓަރުން ވަނީ ސްކޭމް ކޯލެއް އަތުވެއްޖެނަމަ ފޯން ކަނޑާލުމަށް ފަހު އެ ނަންބަރު ބްލޮކް ކުރުމަށް އެދިފައެވެ.

އަދި ފޯނަށް އަންނަ އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އެދި ފުލުހުން ވަނީ ސްކޭމަރުން އަންނަނީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ ފޯނަށް އޯޓީޕީ ފޮނުވައިގެން އެކައުންޓްތަކަށް އެކްސެސް ވަނުން އަންނަކަން ފާހަގަކޮށްފައެވެ.