logo
banner image

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބާބު 5 - 5.19 ދައުލަތުގެ އޮފީސްތަކަށް ލިބޭފައިސާ ޖަމާކުރުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

ދައުލަތުގެ އޮފީސްތަކަށް ލިބޭފައިސާ ޖަމާކުރުން

5.19

(ހ) ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހައި ވަގުތު އޮއްވައި ލިބިއްޖެނަމަ، އެ ފައިސާއެއް ލިބޭ ދުވަހު، އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަންވާނެއެވެ.

(ށ) އެކި ކަންކަމަށް ލިބޭ ފައިސާ ލިބުނުވަރު ވަކިވަކިން އެނގޭގޮތަށް ހިސާބު ބަލަހައްޓަންވާނެއެވެ.

(ނ) ކޮންމެ ދުވަހަކު ފައިސާ ޖަމާކުރުމަކީ ދަތިކަމަކަށް ވެފައި، އަދި ޖަމާނުކޮށް ބެހެއްޓޭ ފައިސާ އެކަށީގެންވާ ރައްކައުތެރިގޮތެއްގައި ބެހެއްޓޭނަމަ، ދުވާލަކު އެއްފަހަރު ފައިސާ ޖަމާނުކޮށް ބެހެއްޓޭނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަ ލިބިގެންނެވެ.

(ރ) ލިބޭ ފައިސާ ޖަމާކުރާއިރު، ލިބުނު ފައިސާގެ ގޮތުގައި ކޭޝްފޮތުގައި ރިކޯޑުކޮށްފައިވާ ފައިސާގެ އަދަދުތައް އެއްކޮށް، ލިބުނު ފައިސާގެ ޖުމުލައާއި އަތުގައި ހުރި ފައިސާގެ ޖުމުލަ ދިމާކުރަންވާނެއެވެ. މިގޮތުން ހިސާބު ދިމާކުރިގޮތް ލިޔުމުން ފެންނަން އޮންނަންވާނެއެވެ.

(ބ) ކޮންމެ މުވައްޒަފެއްގެ އަތުގައި ހުރި ފައިސާއާއި ކޭޝްފޮތުގެ ބާކީއާ ދިމާވޭތޯ ބަލައި، ލިބުނު އަދަދު ހަމަޔަށް ބޭންކަށް ޖަމާކުރަންވާނެއެވެ.

(ޅ) ފައިސާ ބަލައިގަނެ، ރަސީދު ހަދައި، ކޭޝްފޮތަށް އަރުވައި، ބޭންކަށް ޖަމާކުރަން ޖެހިފައިވާ އެއްވެސް ފައިސާއެއް ތިޖޫރީގައި ނުވަތަ ފައިސާ ރައްކައުކޮށްފައި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ތަނެއްގައި ނޫނީ ބަހައްޓައިގެން ނުވާނެއެވެ.

(ކ) ބޭންކަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް ބޭންކުން ބަލައިގަތްކަމުގެ ބޭންކް ތައްގަނޑު ޖަހައިފައިވާ ޑިޕޮޒިޓް ސްލިޕެއް ނުވަތަ ލިޔުމެއް ހޯދަންވާނެއެވެ. އަދި ޖަމާކުރެވުނު ތަރުތީބުން މި ލިޔުން ފައިލުކުރަންވާނެއެވެ.

(އ) ފައިސާ ބަލައިގަންނަ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކަލެކްޓަރެއްގެ ގޮތުގައި ވަޒީފާގެ މަސްއޫލިއްޔަތު ހަމަޖެހިފައި ނެތް މުވައްޒަފަކު ފައިސާ ބަލައިގަތް ނަމަވެސް، އެ މުވައްޒަފަކު ބަލައިގަތް ފައިސާއަކަށް، ފައިސާ ބަލައިގަތް މުވައްޒަފެއްގެ ގޮތުގައި ނަގަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ.