logo
banner image

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބާބު 5 - 5.18 ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ނުވަތަ ގެއްލުމެއް ވަމުންދާކަމުގެ ރިޕޯޓު ލިބުމުން ޢަމަލުކުރާނެ ގޮތް

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ނުވަތަ ގެއްލުމެއް ވަމުންދާކަމުގެ ރިޕޯޓު ލިބުމުން ޢަމަލުކުރާނެ ގޮތް

5.18

(ހ) ދައުލަތުގެ އޮފީހެއްގެ މުދަލާއި ފައިސާއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ނުވަތަ ކުރިމަތިވަމުންދާކަމުގެ ރިޕޯޓު އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއަށް ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާއަށް ލިބުމާއެކު، އެ ކަމެއް ޔަގީންކުރުމަށް ވަގުތުން ފިޔަވަޅުއަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ގެއްލުމެއްގެ ރިޕޯޓެއް އެ އޮފީހަކަށް ލިބިއްޖެނަމަ، ތިރީގައިމިވާ ކަންތައްތައް މާލީ ޒިންމާދާރު ވެރިޔާ ޢަމަލު ކުރަންވާނެއެވެ.

(1) މުދަލާއި ފައިސާ ރަނގަޅަށް ޗެކުކުރެވިފައިވޭތޯ ޔަގީންކުރުން.

(2) މައްސަލަ ތަޙުޤީޤަށް ހުށަހެޅޭވަރަށް އިދާރީގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުން؛

(3) މައްސަލަ އިތުރަށް ތަޙުޤީޤު ކުރަންޖެހޭ ކަމަށް، މާލީ ޒިންމާދާރު ވެރިޔާއާއި އިސްވެރިޔާއަށް ފެނިއްޖެ ހިނދެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމާއި، ހުށަހެޅުމަށްފަހު އެކަން މިނިސްޓްރީއަށް އެންގުން؛

(4) މުދަލަށް ނުވަތަ ފައިސާއަށް ގެއްލުން ލިބިފައިވަނީ މުވައްޒަފެއްގެ އިހުމާލުން ނުވަތަ މުވައްޒަފަކު ގަސްތުގައި ކުރި ކަމަކުންކަމަށް ތުހުމަތުކުރެވޭނަމަ، އެ މުވައްޒަފަކު ގަވާއިދާ އެއްގޮތަށް އެ މަސައްކަތުން އެކަހެރިކުރުން.

(5) މައްސަލަ ދިމާވުމުން ޚުލާޞާ އިންޓަރިމް ރިޕޯޓެއް ތައްޔާރުކުރުން. އަދި ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަފުސީލު ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން. (މި ރިޕޯޓު ފޮނުވާނީ "ސިއްރު އަވަސް" ރިޕޯޓެއްގެ ގޮތުގައެވެ.)

(6) މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައިވާ ރިޕޯޓަށް ބަލާއިރު، އެއްވެސް މުވައްޒަފަކު ޒިންމާވާންޖެހޭކަމަށް ހެއްކާއި ގަރީނާ ހުރިކަމަށް މާލީ ޒިންމާދާރު ވެރިޔާއަށް ފެންނަނަމަ، އެ އޮފީހުގެ އިސްވެރިޔާގެ މަޝްވަރާގެ މަތީން އެ މުވައްޒަފަކާމެދު ގަވާއިދުން ފިޔަވަޅުއެޅުން.

(ނ) މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައިވާ ތަފުސީލު ރިޕޯޓުގައި، ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

(1) ގެއްލުން ލިބުނު އޮފީސް ނުވަތަ ތަނުގެ އެޑްރެސް؛

(2) ގެއްލުން ލިބުނު ތާރީޚާއި ގަޑި؛

(3) ލިބިފައިވާ ގެއްލުމުގެ ބާވަތާއި، ލިބުނު ގެއްލުމުގެ ޖުމުލަ އަގާއި، އެ ގެއްލުމެއްގެ ބަދަލު ހޯދިފައިވާނަމަ އެކަން؛

(4) ގެއްލުން ލިބުނު މުދަލާ ނުވަތަ ފައިސާއާ ހަވާލުވެހުރި މުވައްޒަފެއްގެ ނަމާއި، މަޤާމާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ވީ މުއްދަތާއި، އެ މުވައްޒަފުގެ ބެލުމުގެދަށުން މީގެ ކުރިން މިފަދަ ގެއްލުމެއް ވެފައިވޭތޯ ނުވަތަ ކުރިން އަދާކުރި ވަޒީފާއެއްގައި ހުރިއިރު މި ބާވަތުގެ ކަމެއް ހިނގައިފައިވާނަމަ، އެކަމުގެ ތަފުސީލު؛

(5) ގެއްލުން ލިބެން ދިމާވި ހާލަތްތަކާއި، އެ ހާލަތްތައް ހޯދުނު މިންވަރު؛

(6) ގެއްލުން ލިބިފައިވާ ތަނުގައި ރައްކައުތެރިކަމާއި ސަލާމަތީ ފިޔަވަޅު އެޅިފައިވާނަމަ، އެކަމުގެ ތަފުސީލާއި، މިފަދަ ފިޔަވަޅުތައް ރަނގަޅު އުސޫލެއްގެ މަތީން އެޅިފައި ނެތްނަމަ، އެކަން ރަނގަޅުކުރުމަށް ފެންނަ ގޮތް؛

(7) ކުރިން އެންގުމަކާ ނުލައި މުދަލާއި ފައިސާ ބަލައި ޗެކުކުރުމަށް ރޭވިފައިވާ ގޮތުގެ ތަފުސީލާއި، އެންމެފަހުން ޗެކުކޮށްފައިވާ ތާރީޚު؛

(8) ބޭންކަށް ފައިސާ ޖަމާކުރުމަށް ކަނޑައަޅައިފައިވާ ދުވަހާއި ވަގުތުތަކާއި، ގަވާއިދުން ޖަމާކުރޭތޯއާއި، އެންމެފަހުން ފައިސާ ޖަމާކުރެވިފައިވާ ތާރީޚާއި ވަގުތު؛

(9) ގެއްލުނު މުދާ ނުވަތަ ފައިސާއާ ހަވާލުވެހުރި މުވައްޒަފު ފިޔަވައި އެހެން ފަރާތެއް ބައިވެރިވެފައިވާނަމަ، އެކަމުގެ ތަފުސީލު؛

(10) ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓު ފޮނުވުމަށްފަހު، އެ އޮފީހުން އެއްވެސް ފިޔަވަޅެއް އަޅައިފައިވާނަމަ އެކަން. ޚާއްޞަކޮށް، އެކަމުގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފެއްގެ ނުވަތަ އެހެން ފަރާތެއްގެ މައްޗަށް ދަޢުވާކޮށްފައިވާނަމަ އެކަން، ނުވަތަ އެ މުވައްޒަފަކާމެދު އަޅައިފައިވާ ފިޔަވަޅު؛

(11) މިފަދަ ގެއްލުން ތަކުރާރުވިޔަ ނުދިނުމަށް ޓަކައި، ފިޔަވަޅު އެޅުމަށް އެ އޮފީހަކަށް ފެންނަ ގޮތް؛

(12) މައްސަލަ އިތުރަށް ތަޙުޤީޤުކުރަން ފެންނަނަމަ، ސަބަބާއެކު އެކަން.

(ރ) މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައިވާ ރިޕޯޓު ލިބުމާއެކު، އެ ރިޕޯޓަށް ރިޢާޔަތްކޮށް، ތިރީގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސުން އެ އޮފީހަކަށް އަންގަންވާނެއެވެ.

(1) މިކަމަށް އެއްވެސް ފިޔަވަޅެއް އަޅަން ފެންނަނަމަ، ފިޔަވަޅު އެޅުމަށް، ރިޕޯޓު ހުށަހެޅި ފަރާތަށް އެންގުން. އަދި ބޭނުންވެއްޖެ ހިނދެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް ޓަކައި އެޑްވާންސް އެކައުންޓެއް ހުޅުވުމަށް ހުއްދަދީ، އެ ގެއްލުމެއް އަނބުރާ ދައްކާނެ އުސޫލެއް ކަނޑައެޅުން؛

(2) ލިބިފައިވާ ގެއްލުމަށް ބެލިއިރު ހިސާބުކުރުމުގެ އުސޫލުތަކުގައި ހިމެނޭ އުނިކަމެއް ފާހަގަކުރެވިފައިވާނަމަ، އެ ކަމެއް އިޞްލާޙުކުރުމަށް ފެންނަ ގޮތް؛

(3) ބޭނުންވެއްޖެކަމަށް ފެންނަ ހާލަތެއްގައި، ތަޙުޤީޤު ކޮމެޓީއެއް އައްޔަނުކުރުން؛

(4) ގެއްލުންތައް ބަލައި ހިސާބުކުރުމަށާއި ތަޙުޤީޤުކުރުމަށް އިންޓަރނަލް އޮޑިޓް ކުރާ ފަރާތަކަށް އެންގުން.