logo
banner image

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބާބު 5 - 5.17 ގެއްލުން ލިބޭ، މަދުވާ، އިތުރުވާ ދައުލަތުގެ މުދަލާއި ފައިސާ

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

ގެއްލުން ލިބޭ، މަދުވާ، އިތުރުވާ ދައުލަތުގެ މުދަލާއި ފައިސާ

5.17

(ހ) ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކަށް ނުވަތަ މުދަލަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ މަދުވެއްޖެނަމަ، ނުވަތަ އިތުރަށް ފައިސާ ދެއްކިއްޖެނަމަ، ނުވަތަ ފޭރުމެއް ނުވަތަ ވައްކަމެއް ނުވަތަ ޚިޔާނާތެއް ނުވަތަ އެނޫންވެސް އާދަޔާ ޚިލާފުކަމެއް ހިނގައިފިނަމަ، ނުވަތަ މިފަދަ އެއްވެސް ކަމެއް ހިނގާކަމަށް ނުވަތަ ހިނގައިފިކަމަށް ޝައްކުވެއްޖެނަމަ، އެކަމާ ހަވާލުވެހުރި މުވައްޒަފު ނުވަތަ އެ ކަމެއް އެނގުނު މުވައްޒަފަކު، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއަށް ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާއަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެއެވެ. މިފަދަ މައްސަލައެއްގައި އެ މުވައްޒަފަކު އިއުތިރާޒުކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ މައްސަލައެއް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހަޅަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ފައިސާ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުނުކުރެވި ހުއްޓައި މުވައްޒަފެއްގެ އިހުމާލެއްނެތި ގެއްލިއްޖެނަމަ، ބަދަލުދިނުމުގެ ކަންތައް ހަމަޖައްސާނީ މިނިސްޓްރީއަށް ލިޔެ، އެ މިނިސްޓްރީން އަންގާ ގޮތެއްގެ މަތީންނެވެ.

(ރ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ފައިސާ ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ފައިސާ، އެ މައްސަލަ ތަޙުޤީގުކޮށް ނިމެންދެން ބަހައްޓަންވާނީ، މިނިސްޓްރީން ކަނޑައަޅާ އެކައުންޓަކަށް ޖަމާކޮށްފައެވެ.

(ބ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ފައިސާއެއް ނުވަތަ މުދަލެއް މަދުވެއްޖެކަން ނުވަތަ ގެއްލިއްޖެކަން އެނގިއްޖެނަމަ، ލަސްނުކޮށް ވަގުތުން، ދިވެހި ފުލުހުންގެ ޚިދުމަތަށް އެކަން އަންގަންވާނެއެވެ. އަދި އެ މަޢުލޫމާތު، އެންމެ ލަސްވެގެން، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި، އެ އޮފީހަކުން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.