ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބާބު 5 - 5.16 ދައުލަތުގެ ހަވާލުގައި ހުންނަ އަމިއްލަ މީހުންގެ ފައިސާއާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
ދައުލަތުގެ ހަވާލުގައި ހުންނަ އަމިއްލަ މީސްމީހުންގެ ފައިސާއާއި ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުން
5.16
(ހ) ދައުލަތުގެ އޮފީހެއްގައި އަމިއްލަ މީހެއްގެ ނުވަތަ ބަޔެއްގެ ފައިސާ ނުވަތަ ތަކެތި ބަހައްޓަން ޖެހިއްޖެނަމަ ބަހައްޓަންވާނީ، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކުރެވެންދެން، އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ރައްކައުތެރިކަމާއެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހައްޓާ ފައިސާއާއި ތަކެތީގެ މަޢުލޫމާތު އޮޅުންފިލާނެގޮތަށް ލިޔެ ބަލަހައްޓަންވާނެއެވެ. އެ ލިޔުމުގައި، ތަކެތި ބެލެހެއްޓުމަށް ހަވާލުވާ މުވައްޒަފެއްގެ ނަމާއި މަޤާމު ލިޔެ ސޮއިކޮށްފައި އޮންނަންވާނެއެވެ.
(ނ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ބަހައްޓައިފައި ހުރި، އަމިއްލަ މީހެއްގެ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ކަމުގައި އިހުމާލުވި މުވައްޒަފަކު އެ ކަމުގައި ޒިންމާވާންޖެހޭނެއެވެ.
(ރ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި އަމިއްލަ ފަރާތެއްގެ ފައިސާއާއި ތަކެތި ހަވާލުކުރަން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން، ނުވަތަ ވަކި ގޮތެއް ކަނޑައަޅައިފައި ނެތްނަމަ، ލަސްނުކޮށް ފައިސާއާއި ތަކެތި، ވެރިފަރާތާ ހަވާލުކޮށް ސޮއިކުރުވަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހައްޓާ ތަކެތި ބެލެހެއްޓުމުގައި، އެ ތަކެއްޗާ ހަވާލުވާން އެ ތަކެތީގެ ވެރިފަރާތުން އިއުތިރާޒު ކުރާނަމަ، ނުވަތަ އެ ތަކެތީގެ ވެރިފަރާތަކީ ކޮބައިކަން ނޭނގޭނަމަ، ނުވަތަ ބަހައްޓާ ތަކެތި ހަވާލުނުކުރެވި ގިނަދުވަސްވާނަމަ، ނުވަތަ އެ ތަކެއްޗަށް ގެއްލުމެއް ލިބިދާނެކަމަށް ފާހަގަކުރެވިއްޖެނަމަ އެ ތަކެއްޗާމެދު ޢަމަލުކުރާނީ، މިނިސްޓްރީއަށް އެކަން ހުށަހަޅައިގެން މިނިސްޓްރީން އަންގާ ގޮތެއްގެ މަތީންނެވެ.