ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް
މާލޭގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 5ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައެވެ.
މި އޮޕަރޭޝަނުގައި ބަލައިފާސްކުރިި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވެއެވެ. އަދި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ކާޓްްރިޖް ފެނިފައިވެއެވެ. މީގެއިތުރުން މި މައްސަލައާ ގުޅިގެން ވޭޕް އާއި ވޭޕް ކާޓްރިޖް ވިއްކަމުންދިޔަ ފޭސް ބުކް ޕޭޖެއްވެސް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައެވެ.
މިމައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފަވާއިރު މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާޙުގެނެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 53000އަށްވުރެ ގިނަ ވޭޕް ސާމާނު ހިފަހައްޓާފައިކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައިވަނީ ކަނޑައަޅާފައެވެ.
ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއްކުރާނެ ކަމަށް ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.
