logo
banner image

ދިވެހިރާއްޖެއަށް ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ ސަމާލުކަމަށް

ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 12/2011) ގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ފައިޓޯސެނިޓަރީ އިމްޕޯޓު ހުއްދަ (ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ ހުއްދަ) ހޯދުމުން އިސްތިސްނާކުރާ ޙާލަތުގައި މެނުވީ، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި އަދި ރެގިއުލޭޓްކުރެވޭ ތަކެތި، މި ޤާނޫނުގެ ދަށުން ދޫކުރެވޭ ފައިޓޯސެނިޓަރީ އިމްޕޯޓު ހުއްދަ އޮވެގެން މެނުވީ ދިވެހިރާއްޖެއަށް އިމްޕޯޓުކޮށްގެންނުވާނެއެވެ. އަދި ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތީގެ ކޮންސައިންމަންޓްތައް އައިސްފައިވާކަން، ތަކެތި އެތެރެކުރުމަށް ކަނޑައެޅޭ ބަނދަރުތަކާ ޙަވާލުވެހުރި ފައިޓޯސެނިޓަރީ އިންސްޕެކްޓަރަށް އިމްޕޯޓުކުރާ ފަރާތުން ރިޕޯޓުކޮށް އަދި ފައިޓޯސެނިޓަރީގޮތުން ބަލައިފާސްކުރުމަށް ހުށަހަޅަންވާނެއެވެ. މިހެންކަމުން ފައިޓޯސެނިޓަރީ އިމްޕޯޓު ހުއްދަނެތި ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތި އެތެރެކުރުމާއި، ތަކެތި އެތެރެކުރުމަށް ކަނޑައެޅޭ ބަނދަރުތަކާ ޙަވާލުވެހުރި ފައިޓޯސެނިޓަރީ އިންސްޕެކްޓަރަށް އިމްޕޯޓުކުރާ ފަރާތުން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ރިޕޯޓުނުކޮށް އަދި ފައިޓޯސެނިޓަރީގޮތުން ބަލައިފާސްކުރުމަށް ހުށަނާޅާ އެތެރެކުރެވޭ ތަކެއްޗާއި، މިނޫނަސް ފައިޓޯސެނިޓަރީ އިމްޕޯޓު ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ޚިލާފަށް އެތެރެކުރެވޭ ގަސްގަހާގެއްސާއި ގަހުގެބައިތައް، ފައިޓޯސެނިޓަރީ އިންސްޕެކްޓަރުންނަށް ލިބިފައިވާ ބާރުގެތެރެއިން ކަރަންޓީނުކުރުމަށްފަހު ނައްތާލެވޭނެއެވެ.

އަދި ފައިޓޯސެނިޓަރީ އިމްޕޯޓު ހުއްދައަކީ 6 މަސްދުވަހުގެ މުއްދަތަކަށް ދެވޭ ހުއްދައެއްކަމުން، މުއްދަތު ހަމަވެފައިވާ ހުއްދަތައް އާކޮށް، ދުރާލާ ހުއްދަ ލިބިފައިވާކަން ކަށަވަރުކުރުމަކީ މި ވުޒާރާގެ އެދުމެކެވެ. މިއާއެކު ކުރިން ނެގިފައިވާ ހުއްދަތަކުގައިވެސް އެތެރެކުރާ ބާވަތްތަކުގެ ގަސްގަހާގެއްސާއި ގަހުގެބައިތައް ހުރިކަން ކަށަވަރުކުރުމަކީ އެތެރެކުރާފަރާތުގެ ޒިންމާއެކެވެ.