ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބާބު 5 - 5.10 ބަލައިގަންނަ ފައިސާ ބެލެހެއްޓުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
ބަލައިގަންނަ ފައިސާ ބެލެހެއްޓުން
5.10
(ހ) މުވައްޒަފުންގެ ހަވާލުގައި ނުވަތަ އޮފީހުގައި ފައިސާ ބަހައްޓަންވާނީ، މި ގަވާއިދުގެ 12.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.
(ށ) ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ އެ ފައިސާއެއް ދައްކަންޖެހޭ ފަރާތަކަށް ދައްކައި ނިމެންދެން ހުންނަންވާނީ، އެ ފައިސާއެއް ބަލައިގަތް މީހެއްގެ ޒިންމާގައެވެ.
(ނ) ދައުލަތުގެ އޮފީސްތަކަށް ޗެކުން ބަލައިގަންނަ ފައިސާ ގަވާއިދުން ޖަމާނުކޮށް ލަސްވުމުގެ ސަބަބުން އެ ޗެކަކަށް ފައިސާ ނުލިބިއްޖެނަމަ، އެކަމާ ޒިންމާވާން ޖެހޭނީ، އެ ޗެކެއް ޖަމާކުރުމުގައި އިހުމާލުވި މުވައްޒަފެކެވެ.
(ރ) ދައުލަތުގެ އޮފީސްތަކުގެ ތެރެއިން ތިޖޫރީ ހުންނަ ތަންތާނގައި ދައުލަތުގެ ފައިސާ ބަހައްޓަންވާނީ ތިޖޫރީގައެވެ. ތިޖޫރީ ނެތް ތަނެއްގައިނަމަ ފައިސާ ބަހައްޓާނީ، މި ގަވާއިދުގެ 12.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ރައްކައުތެރި ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.
(ބ) ފައިސާ ބަލައިގަތުމަށް ވަކި ތަނެއް ޤާއިމުކޮށްފައިވާ އޮފީސްތަކުގައި އެ ތަނަށް އާންމުކޮށް ވަނުމުގެ ހުއްދަ އޮންނަންވާނީ، ހަމައެކަނި ފައިސާ ބަލައިގަންނަ މުވައްޒަފުންނަށެވެ. ފައިސާ ބަލައިގަންނަ ވަގުތުތަކުގައްޔާއި ފައިސާ ބަލައިގަންނަން ތައްޔާރުކުރެވެމުންދާ ވަގުތުތަކުގައްޔާއި ދުވަހުހިސާބު ނިންމާ ވަގުތުތަކުގައި އެ ބައިގެ ދޮރު ހުންނަންވާނީ ތަޅުލާފައެވެ.
(ޅ) ބަލައިގަންނަ ފައިސާ ހުންނަންވާނީ، އެ ފައިސާއެއް ބަލައިގަންނަ މުވައްޒަފެއްގެ ހަވާލުގައި، އެ ފައިސާގެ ރައްކައުތެރިކަމަށް އެ ފަރާތެއް ސީދާ ޒިންމާވާގޮތަށް، ހަމައެކަނި އެ ފަރާތުގެ ހަވާލުގައި ރައްކައުތެރިކަމާއެކު ބެލެހެއްޓޭ ގޮތަކަށެވެ.
(ކ) މަސައްކަތުގެގޮތުން ފައިސާއަށް ޒިންމާވާންޖެހޭ މުވައްޒަފުންނަށް ފައިސާ ރައްކައުތެރިކަމާއެކު ގެންގުޅެވޭނޭފަދަ އެކަށީގެންވާ ރައްކައުތެރި ވަސީލަތްތައް ހަމަޖައްސައިދޭންވާނެއެވެ.
(އ) ފައިސާއަށް ސީދާ ޒިންމާވާންޖެހޭ މުވައްޒަފުންގެ އަތުން ފައިސާ ގެއްލި ނުވަތަ ވައްކަންކުރުންފަދަ ކަމެއް ވިޔަނުދިނުމަށް ޓަކައި އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައި، އަދި ކަމާގުޅޭ އިރުޝާދު މުވައްޒަފުންނަށް ދީ، އަދި މި ފިޔަވަޅުތަކަށް ޢަމަލުކުރަމުންދޭތޯ ބެލުމަށް ޓަކައި އިތުރު އެންގުމަކާ ނުލައި، ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު ނުވަތަ އޭނާ އައްޔަނުކުރާ މީހަކު ދޭތެރެދޭތެރެއިން ޗެކުކުރަންވާނެއެވެ.