ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބާބު 5 - 5.05 ލިބޭފައިސާ ބަލައިގަތުމާއި، ރަސީދު ދިނުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
ލިބޭފައިސާ ބަލައިގަތުމާއި، ރަސީދު ދިނުން
5.06
(ހ) ދައުލަތުގެ އޮފީހަކަށް ފައިސާ ބަލައިގަންނަނަމަ، ފައިސާ ދެއްކި ފަރާތަށް ރަސީދު ދޭންވާނެއެވެ. މި ރަސީދު، އަތުން ލިޔެފައި ނުވަތަ އިލެކްޓްރޯނިކް މެޝިނުން ޕްރިންޓުކޮށްފައި ނުވަތަ ޑިޖިޓަލްކޮށް ދެވިދާނެއެވެ. އަތުން ލިޔެފައި ރަސީދު ދޭނަމަ، ރަސީދު ފޮތްތައް ހުންނަންވާނީ، އޮފީހުގެ ނަމުގައި ޗާޕުކޮށް، ސީރިއަލް ނަންބަރު ޖަހައިފައެވެ. އެ ރަސީދުގައި، ތިރީގައިމިވާ މަޢުލޫމާތު ހުންނަންވާނެއެވެ.
(1) ފައިސާ ދެއްކި ފަރާތް؛
(2) ފައިސާ ދެއްކީ ކޮން ކަމަކަށްކަން؛
(3) ފައިސާގެ އަދަދާއި ބާވަތް (ވިޔައަކުރުންނާއި ރަސީދު ލިޔެވޭ ބަހަކުން)؛
(4) ފައިސާ ބަލައިގަތީ ޗެކުންނަމަ، ޗެކުގެ ނަންބަރާއި ބޭންކް، ނުވަތަ ފައިސާއިންނަމަ ފައިސާއިންކަން؛
(5) ތާރީޚު؛
(6) ފައިސާ ބަލައިގަތް މީހާގެ ނަމާއި ސޮއި؛
(7) ރަސީދު ނަންބަރު؛
(8) އޮފީހުގެ ތައްގަނޑު (މި ތައްގަނޑު އޮންނަންވާނީ، މި މާއްދާގެ (އ) ގައިވާ ގޮތަށް).
(ށ) ބިލުގައި ނުވަތަ އިންވޮއިސްގައި ފައިސާ ލިބުނުކަމަށް ބަޔާންކޮށްފައިވާއިރު، ތިރީގައިމިވާ މަޢުލޫމާތު ހުންނަންވާނެއެވެ. މިގޮތަށް ބިލުން ނުވަތަ އިންވޮއިސުން ފައިސާ ބަލައިގަތް ކަމުގައި ވިޔަސް،އެ ބިލަކަށް ނުވަތަ އެ އިންވޮއިސަކަށް ރަސީދު ހަދަންވާނެއެވެ.
(1) ފައިސާ ބަލައިގަތް މީހާގެ ނަން ނުވަތަ އެ މީހާގެ ކޯޑު ނަންބަރު؛
(2) ފައިސާ ދެއްކި ތާރީޚު؛
(3) ބަލައިގަތް ފައިސާގެ އަދަދު؛
(4) ބިލުގައި ނުވަތަ އިންވޮއިސްގައި ފައިސާ ބަލައިގަތް އޮފީހުގެ ތައްގަނޑު ޖަހައި، ފައިސާ ބަލައިގަތުމުގެ ހުއްދަ އޮތް މީހަކު ސޮއިކޮށްފައި އޮތުން؛
(5) ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް.
(ނ) ފޯމުފަދަ ތަކެތި ވިއްކާއިރު، ފޯމުތައް ޗާޕުކޮށް، ހުރިހާ ފޯމެއްގައި ތަރުތީބުން ނަންބަރު ޖެހުމަށްފަހު، ރަސީދު ނުހަދައި އެ ފޯމުތައް ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، އެ ދުވަހު ވިކުނު ހުރިހާ ފޯމަށް، ކޮންމެ ބާވަތަކުން ލިބުނު ޖުމުލަ ފައިސާގެ އަދަދު އެނގޭނޭގޮތަށް ރަސީދެއް ހަދަންވާނެއެވެ.
(ރ) ސްޓިކަރ، ޓިކެޓްފަދަ ތަކެތި ޗާޕުކޮށް ތަރުތީބުން ނަންބަރު ޖެހުމަށްފަހު ރަސީދު ނުހަދައި ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، މުޅި ދުވަހަށް ކޮންމެ ބާވަތަކަށް ވަކި ރަސީދެއް ހަދަންވާނެއެވެ.
(ބ) ސްޓޭމްޕް، ޕޯސްޓުކާޑު، އެއިރޯގްރާމް، ތަފާތު ސުވެނިއަރ ރަމްޒީ ފައިސާފޮތި، ދިދަފަދަ ތަކެތި ރަސީދު ނުހަދައި ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، މުޅި ދުވަހަށް ކޮންމެ ބާވަތަކަށް ވަކި ރަސީދެއް ހަދަންވާނެއެވެ.
(ޅ) އެއްވެސް ހާލަތެއްގައި ރަސީދު ހެދުމަށް އޮންނަ ގޮތް ނޫން ގޮތަކަށް ވަގުތީ ރަސީދެއް ނުވަތަ ނުރަސްމީ ރަސީދެއް ނުވަތަ މިނޫންވެސް އެހެން ގޮތަކަށް ރަސީދު ހަދައި ދޫކޮށްގެން ނުވާނެއެވެ.
(ކ) ފައިސާ ބަލައިގަތުމަށްފަހު ދޫކުރާ ރަސީދުތަކުގެ ކޮޕީ، އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި ކެންސަލްކުރެވޭ ރަސީދުތަކުގެ އަސްލާއި ކޮޕީ އެއްކޮށް ހީރަސް ޖެހުމަށްފަހު، ކެންސަލްކުރަން ޖެހުނު ސަބަބު ބަޔާންކޮށް، އެ ތަނެއްގެ ވެރިޔަކު ރަސީދުގައި ސޮއިކުރަންވާނެއެވެ. މިފަދަ ރަސީދުތައް ވެސް ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
(އ) ފައިސާ ބަލައިގެންފައި ޖަހާ ތައްގަނޑު އޮންނަންވާނީ، ތިރީގައިމިވާ ނަމޫނާއާ އެއްގޮތަށެވެ.

ނޯޓު: މިނިސްޓްރީގެ ނަން އޮތް ތަނުގައި އޮންނަންވާނީ، އެ އޮފީހެއްގެ ނަމެވެ.
(ވ) ފައިސާ ބަލައިގަންނަ ތައްގަނޑު އޮންނަންވާނީ، ފައިސާ ބަލައިގަތުމަށް ހަމަޖައްސައިފައިވާ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ތަޅުލެވޭ ތަނެއްގައި ރައްކައުކުރެވިފައެވެ.