ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބާބު 5 - 5.03 ފައިސާ ނަގާށާއި، ފައިސާ ޖަމާކުރުމަށް ދެ މުވައްޒަފުން ފޮނުވުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
ފައިސާ ނަގާށާއި، ފައިސާ ޖަމާކުރުމަށް ދެ މުވައްޒަފުން ފޮނުވުން
5.03
(ހ) ދައުލަތުގެ އޮފީސްތަކުން -/25,000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނަގާނަމަ ނުވަތަ ޖަމާކުރާނަމަ، ފައިސާ ނަގަންވާނީ ނުވަތަ ޖަމާކުރަންވާނީ، 2 (ދޭއް) މުވައްޒަފަކު ފޮނުވައިގެންނެވެ. މިގޮތުން ފޮނުވާ 2 (ދޭއް) މުވައްޒަފުންކުރެ އެކަކީ، ފައިސާ ނެގުމުގެ އައިޑެންޓިޓީ ކާޑު އޮތް މީހަކަށް ވާންވާނެއެވެ. ބޭރުފައިސާ ނެގުމުގައި ނުވަތަ ޖަމާކުރުމުގައި އޭގެ އަގު -/25,000 (ފަންސަވީސްހާސް) ރުފިޔާ ވާނަމަ ޢަމަލުކުރާނީ ވެސް ހަމަ މިގޮތުގެ މަތީންނެވެ.
(ށ) ކޮންމެ އޮފީހަކުން ވެސް ޗެކަށް ފައިސާ ނެގުމަށް ފޮނުވާ 2 (ދޭއް) މުވައްޒަފުންގެ އައިޑެންޓިޓީ ކާޑު، މިނިސްޓްރީއަށް ލިޔެގެން ހައްދަންވާނެއެވެ. އެ އޮފީހެއްގެ މަސައްކަތްތައް ހުންނަ ގޮތުން 2 (ދޭއް) މުވައްޒަފުންނަށްވުރެ އިތުރު މުވައްޒަފަކަށް ކާޑު ހަދަން ބޭނުންވާނަމަ، މިނިސްޓްރީއަށް ލިޔެގެން ކާޑު ހައްދާނީއެވެ.
(ނ) ކާޑު ހަދައިފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން ނުވަތަ އެހެން މަޤާމަކަށް ބަދަލުވުމުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ކާޑު ބާޠިލުކުރަންޖެހޭ ގޮތެއް މެދުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ އަތުން ވަގުތުން ކާޑު އަތުލައި، ކާޑު ބާޠިލުކުރަންޖެހުނު ސަބަބެއް ކާޑުގައި ލިޔެ، ކާޑު ބާޠިލުކުރުމަށްފަހު، އެންމެ ލަސްވެގެން ވެސް، ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެކަން އަންގައި، އެ ކާޑު ފޮނުވަންވާނެއެވެ.
(ރ) ފައިސާ ނަގަންދާ މުވައްޒަފުންނަށް އެ ތަނަކުން ހަދައިދީފައި އޮންނަ އައިޑެންޓިޓީ ކާޑު، ފައިސާ ނަގަންދާ ވަގުތުގައި ނޫނީ އޮންނަންވާނީ، އޮފީހުގެ ތިޖޫރީގައި ނުވަތަ އެފަދަ ރައްކައުތެރި، ތަޅުލެވޭ ތަނެއްގައެވެ.