ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ދެއްވާ ސްޓޭޓްމަންޓް.
ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން. ކޮންމެ އަހަރަކުވެސް ޑިސެމްބަރ މަހުގެ 3 ވަނަ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމާއި އަދި އެފަރާތްތައް ބާރުވެރިކުރުމުގައި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް އަދި ހިއްސާއެއް އޮންނާނެކަން އަޅުގަނޑުމެން އެންމެން ހަނދާންކުރުން.
ޝައްކެއްނެތް، އިޖުތިމާއީ ރައްކައުތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް. މި ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތައް ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމަޢުއެއް ޤާއިމްކޮށް، ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމުގެ އެއް އަސާސް. އަދި މި ސަރުކާރުގެ ވަރަށް މުހިއްމު އެއް އަމާޒު.
ފާއިތުވި 2 އަހަރު އަޅުގަނޑުމެންނަށް މިކަމުގައި ހިއްސާވާ އެންމެހާ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރުމުގެ ނަސީބު ލިބިއްޖެ. މިކަމުން އަޅުގަނޑުމެންނަށް ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ މާފޮނިވެފައި ކާމިޔާބުކަން. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ކުރިމަގުގައިވެސް މިގޮތުގައި މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ދެމި ތިބޭނެކަން.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ފަސްމަގަށް ބަލާލާއިރު 3 ކަމެއް ފަހާގަކޮށްލަން މުހިއްމުކަމުގައި ދެކެން. (1) ފުރަތަމަ ކަމަކީ ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ އަދި ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއްގެ ޤާއިމްވެފައި އޮތުމުގެ މުހިއްމުކަން. (2) ހަމައެއާއެކު ސްކޫލް މަރުހަލާ ނިންމާ، ޤާބިލް ފަރާތްތަކަށް، އާމްދަނީ ހޯދޭނެ ހަރުދަނާ ނިޒާމެއްގެ ބޭނުންތެރިކަމާ އަދި މިފަރާތްތަކަށް ދިރިއުޅުމަށް ތަފާތު ހުނަރުތައް ލިއްބައިދިނުން. (3) އަދި ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅުންހުރި މުހިއްމު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުން އެއި ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
މި ފުރުސަތުގައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް ކުރައްވާ މަސައްކަތް ފާހަގަކުރަން. ޚާއްޞަކޮށް މިފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މި ދައުރުގައި މިހާތަނަށް 350 ވަޒީފާގެ ފުރުޞަތު ވަނީ ހަމަޖައްސަވާ ދެއްވާފައި. މިއީ ވަރަށް މުހިއްމު އެހާމެ ބޭނުންތެރި ނިންމެވުމެއް.
އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، އަޅާލުމާއި އޯގާތެރިކަން ލިބި، މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެފައިވާ ބައެއްގެ ގޮތުގައި ލެއްވުން. އަދި، އެފަރާތްތައް ބާރުވެރިކުރުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާ ރުއްސެވުމާއި ފުއްސެވުން މިންވަރު ކުރެއްވުން.
