އެސްއެމްއީ ޑިޖިޓަލް – ފުރިހަމަ އިސްލާމިކް ފައިނޭންސް މުއައްސަސާއަކަށް
ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ބައިވެރިން ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ވާގިވެރިކަން ހޯދުމަށް އޮތް ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު "އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން" (އެސްޑީއެފްސީ) ގެ ނަމުގައި އުފެއްދި ކުންފުނި، މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި ހަމަޖެހުމާއެކު،"އެސްއެމްއީ ޑިޖިޓަލް ޕްރައިވެޓް ލިމިޓެޑް" ގެ ނަމަށް ބަދަލުކުރެވިފައެވެ. މިބަދަލާއެކު ކުންފުނީގެ ހިންގުމުގެ ނިޒާމު އަލުން އެކުލަވާލައި، އިސްލާމިކް ފައިނޭންސް އާއި ޒަމާނީ ޑިޖިޓަލް މަންސަތައް އެއްކޮށްލައި، ޝަރުޢީ ހަމަތަކުގެ މަތިން ޚިދުމަތް ފޯރުކޮށްދޭ ފުރިހަމަ މާލީ މުއައްސަސާއަކަށް ބަދަލުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ބަދަލުގެ މައިގަނޑު މަގްސަދަކީ ހަމައެކަނި ކުންފުނީގެ މޫނުމަތި ޖަރީކޮށްލުމެއް ނޫނެވެ. މިއީ އިސްލާމިކް ފައިނޭންސް އާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް އެއްކީލި ކުރެވިގެން ގެނެވޭ އިސްތިރާޖީ ބަދަލެކެވެ. އެމްއެމްއޭއިން ދޫކުރާ ފައިނޭންސިންގ ބިޒްނަސް ލައިސަންސާއެކު، އެސްއެމްއީ ޑިޖިޓަލް ދެމިއޮންނާނީ ރަސްމީ ބޭންކިންގ ނިޒާމަށް ވާސިލުވާން އުނދަގޫ، އެންމެ ކުދި ވިޔަފާރިތަކާއި، އަންހެނުންނާއި، ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ވިޔަފާރިތަކަށް ހިދުމަތް ދިނުމުގެތެރެއިން އިގްތިސާދުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ.
ކުންފުނީގެ މިހާރުގެ އަމާޒަކީ، ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަށް ޝާމިލުވާހެން، މާލީ ހައްލުތައް ފޯރުކޮށްދިނުމަށް އިސްލާމީ އުސޫލުތަކުގެ ތެރެއިން ތަފާތު އެކި ފައިނޭންސިންގ ޕްރޮޑަކްޓްތައް ތައާރަފްކޮށް ހިދުމަތް ދިނުމެވެ. އެގޮތުން، ފާއިތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ވަނީ ވޯކިން ކެޕިޓަލް ފައިނޭންސިންގ، ބިޒްނަސް އެސެޓް ފައިނޭންސިންގ، އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ފައިނޭންސިންގގެ އިތުރުން، ރަށު ފަތުރުވެރިކަން ކުރިއެރުވުމަށާއި، ކްރިއޭޓިވް އިކޮނޮމީ ހަރުދަނާ ކުރުމަށް ފައިނޭންސިންގ ތައާރަފްކޮށްފައެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފުޅާކުރަމުންދާ މި ހިދުމަތްތަކުގެ ޕޯޓްފޯލިއޯގެ ސަބަބުން، ކޮންމެ އެމްއެސްއެމްއީއަކަށްވެސް، އެއީ ކޮންމެ ދާއިރާއެއްގެ، ނުވަތަ ކޮންމެ ބޮޑުމިނެއްގެ ވިޔަފާރިއެއް ކަމުގައި ވިޔަސް، އިސްލާމީ ޝަރީޢަތާ އެއްގޮތް ފައިނޭންސިންގ ޙައްލެއް ލިބިގެންދާކަން ކަށަވަރުކޮށްދެއެވެ.
މި ދަތުރުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، ކުންފުނީގެ މުޅި ލޯން ޕޯޓްފޯލިއޯ ޝަރީޢާ ކޮމްޕްލަޔަންޓް އިންތިޒާމުތަކަކަށް ބަދަލުކުރުމާއެކު، ފުލް ފްލެޖް އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޓަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމެވެ. 2026 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒުކޮށްފައިވާ މި ބަދަލާއެކު، ކުންފުނީގެ ހުރިހާ ހިދުމަތްތަކެއް ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭނީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ. މިއީ ރާއްޖޭގެ ވިޔަފާރިތަކަށް އިތުބާރު ހުރި އަދި ދީނީ ގޮތުން ހުއްދަ މާލީ ހައްލުތަކެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރު، ކުންފުނިން ވަނީ ތަފާތު އެކި ފައިނޭންސިންގ ސްކީމްތައް ތައާރަފްކޮށް، އިޤްތިސާދުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކަކަށް ފައިނޭންސިންގ ފޯރުކޮށްދީފައެވެ. މިގޮތުން ހިމެނޭ މުހިންމު ފައިނޭންސިންގ ފެސިލިޓީތަކުގެ ތެރޭގައި، އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ހިމެނޭ 100 މިލިއަން ރުފިޔާގެ ސްޓާޓަޕް ލޯނު ސްކީމްގެ ދަށުން 83 ފަރާތަކަށް އެޕްރޫވްކޮށްފައިވާ 21.17 މިލިއަން ރުފިޔާއާއި ފަރުމަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި 68 ފަރާތަކަށް އެޕްރޫވްކޮށްފައިވާ 34.52 މިލިއަން ރުފިޔާގެ އެހީތެރިކަން ވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސްދޯނިތަކުގައި ގާއިމުކުރުމަށް 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިންގ ވަނީ އެޕްރޫވްކޮށްފައެވެ.
މި ހުރިހާ ފައިނޭންސިންގ ސްކީމްތަކަކީ ވެސް ސަރުކާރުގެ އިސްނެގުމުގެ ދަށުން، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ތައާރަފްކޮށްފައިވާ ސްކީމްތަކެކެވެ. މިފަދަ ސްކީމްތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް މާލީގޮތުން ދިމާވެފައިވާ ގިނަ ދަތިތަކަށް ހައްލެއް ލިބި، އެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއަޅައި، މަގުފަހިކޮށްދީފައިވެއެވެ.
އެސްއެމްއީ ޑިޖިޓަލް އިން ދަނީ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ޑިޖިޓަލް އީޖާދީ ހައްލުތަކާއި، އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ލިބިދެވޭނެ މާހައުލެއް ގާއިމުކުރަމުންނެވެ.
ކުންފުނީގެ ދުރު ރާސްތާގެ ވިސްނުމަކީ، އުފެއްދުންތެރި ޑިޖިޓަލް އީޖާދު ތަކުގެ އެހީގައި، ކުދިވިޔަފާރިތައް ބާރުވެރިކުރުވަމަށް، ޝަރުޢީ އިމުގެތެރެއިން، ގުޅި ލާމެހިފައިވާ މާލީ ހައްލުތައް ފޯރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ އެންމެ އިސް އަދި މަޤުބޫލު ކުންފުނި ކަމުގައި އެސްއެމްއީ ޑިޖިޓަލް ހެދުމެވެ. އަދި މިހާރު އެސްއެމްއީ ޑިޖިޓަލް އިން ދަނީ ދިވެހިރާއްޖޭގައި ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ވައްޓަފާޅި އުފެއްދުންތެރިގޮތަކަށް ބައްޓަން ކުރަމުންނެވެ.
ކުންފުނީގެ ދުރުރާސްތާގެ އިސްތިރާޖުތަކުގެ ސަބަބުން، ފަށައިގަންނަ ކުދި ފަންތީގެ ވިޔަފާރިތަކަށް ވެސް ކުރިއަރައި ދިއުމަށް ބޭނުންވާ ވަސީލަތްތަކާއި ފުރުސަތުތައް ޔަގީންކޮށްދެއެވެ. އެސްއެމްއީ ޑިޖިޓަލްގެ ފައިނޭންސިން ފެސިލިޓީތައް އިސްލާމީ އުސޫލުތަކަށް ބަދަލުކުރުން ހަލުވި ކުރަމުންދާއިރު، ވިޔަފާރިވެރިކަން ކުރިއެރުވުމާއި، ބާރުވެރިކުރުވުމާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމުގެ އާ ދައުރަކަށް ވަނުމަށް މި ކުންފުނި ވަނީ ތައްޔާރުވެފައެވެ.
