ފެންފުށި ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ފަޔަރ ސޭފްޓީ ކުލާހެއް ކުރިއަށް ގެންގޮސްފި
އދ.ފެންފުށި ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަނުން ފަޔަރ ސޭފްޓީ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ފެންފުށި ސްކޫލުގައި ރޭ ކުރިއަށްގެންދިޔަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ފަޔަރ ބްލޭންކެޓާއި އަލިފާންނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.
88 ދަރިވަރުންނާއި 12 ޓީޗަރުން ބައިވެރިވި މި ހަރަކާތްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.
