އައްޑޫ ސިޓީ ހިތަދޫގައި ޑީވީ ޝެލްޓާއެއް ޤާއިމުކުރުމަށް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާއެއް ޤާއިމުކުރުމުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް މި ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ހިޔާގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމުގެ އިތުރުން ގާނޫނީ އެހީތެރިކަމާއި ކައުންސިލިންގެ ޚިދުމަތްތައް ވެސް ފޯރުކޮށްދެވިގެން ދާނެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ހުޅުމާލެ އަދި ރ.އުނގޫފާރުގައި ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މި ވަގުތީ ހިޔާތައް ޤާއިމުކުރެވުމުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރަށް ބާރު އެޅިގެންދާނެއެވެ.
