logo
banner image

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބާބު 4 - 4.06 ބަޖެޓު ޚަރަދުގެ ހިސާބުތައް ބެލެހެއްޓުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

ބަޖެޓު ޚަރަދުގެ ހިސާބުތައް ބެލެހެއްޓުން

4.06

(ހ) ބަޖެޓުގައި ޚަރަދުތައް ހިމަނައިފައިވާ ގޮތާއި، ބަޖެޓުން ކުރާ ޚަރަދުތަކާއި، ބަޖެޓުބާކީ "ބަޖެޓު ހިސާބު" ފޮތުން ނުވަތަ އެކައުންޓަންޓް ޖެނެރަލް ހުއްދަކުރާ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން، ޚަރަދާއި ބާކީ އަބަދުވެސް އެނގެން އޮންނާނެ ގޮތަށް ހިސާބުތައް ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހިސާބުތައް ބެލެހެއްޓުމަށް ޓަކައި ބަޖެޓުން ކުރާ ކޮންމެ ޚަރަދެއް އެ ޚަރަދެއް ކުރަންޖެހޭ އައިޓަމަށާއި، ކޯޑު ނަންބަރަށާއި، ރިކަރެންޓް ޚަރަދެއްނަމަ ރިކަރެންޓް ޚަރަދުގެ ޖުމުލައަށް، ކެޕިޓަލް ޚަރަދެއްނަމަ ކެޕިޓަލް ޚަރަދުގެ ޖުމުލައަށް ވައްދަންވާނެއެވެ. އަދި ކޮންމެ ޚަރަދެއް މުޅި ބަޖެޓުގެ ޖުމުލައަށް ވައްދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާކީކުރުމުގެ އިތުރުން، ޕްރޮގްރާމް ބަޖެޓުގައި ހިމެނިފައިވާ ކޮންމެ ހަރަކާތަކުން ވަކިވަކިން ބާކީކޮށް ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ޚަރަދުތައް ހިސާބަށް ވެއްދުމުގައި އެ ޚަރަދެއް ކުރަންޖެހޭ އައިޓަމުގައި އެ ޚަރަދަކާ ގުޅޭގޮތުން އެނގެން ބޭނުންވާ ފުރިހަމަ މަޢުލޫމާތު (ހުއްދަދިން ތާރީޚު، ހުއްދަ ނަންބަރު، ފައިސާ ލިބެންވާ ފަރާތް، ތަކެތީގެ ނުވަތަ ޚިދުމަތުގެ ތަފުސީލު، ރޭޓު، އަގު، ބިލު ނަންބަރު، ބިލުގެ ތާރީޚު، ޗެކު ނަންބަރު ފަދަ ޚަރަދާ ގުޅޭ މަޢުލޫމާތު) އެނގެން އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އައިޓަމް (އެ ޚަރަދެއް ކުރަންޖެހޭ އައިޓަމް) ނޫން އެހެން ބައިތަކަށް ޚަރަދު ވެއްދުމުގައި، ތާރީޚާއި، ޗެކު ނަންބަރާއި، ފައިސާގެ އަދަދާއި، ބާކީ އެނގެން އޮތުމުން ފުދޭނެއެވެ.

(ޅ) ޚަރަދުކުރުމަށް ހުއްދަދޭ ފޮތުގައި ނުވަތަ ވައުޗަރުގައި ލިޔާ ޚަރަދުތަކަށް ހުއްދަދޭ ވެރިޔަކު ހުއްދަދިނުމުގެ ކުރިން، ހުއްދަދެވޭ ޚަރަދުތައް ލިޔުނު މުވައްޒަފު ފިޔަވައި އެހެން މުވައްޒަފަކު އެ ޚަރަދުތައް ޗެކުކުރަންވާނެއެވެ. އަދި ލިޔުނު މުވައްޒަފާއި ޗެކުކުރި މުވައްޒަފުގެ މަޤާމާއި ނަންޖަހައި ސޮއިކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޚަރަދުތައް ޗެކުކުރުމަކީ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް، ހުއްދަދޭ ފޮތުގައި ނުވަތަ ޕޭމަންޓް ވައުޗަރުގައި ފުރިހަމަޔަށް ލިޔެވިފައިވޭތޯ ބެލުމާއި، އެ ޚަރަދެއް ކުރެވެނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމެވެ.

(އ) ބަޖެޓަށް ގެންނަ އުނިއިތުރު، ބަޖެޓުގެ ހިސާބުތަކަށް ވައްދަންވާނެއެވެ.

(ވ) މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) ގައިވާ ގޮތުގެ މަތީން ބަޖެޓުގެ އައިޓަމުތައް ބަލަހައްޓަންވީ ގޮތާއި، އައިޓަމުތަކުން ކުރާ މުޅި ޖުމުލަ ޚަރަދުގެ ހިސާބުގެ އައިޓަމް ބަލަހައްޓަންވީ ގޮތުގެ ނަމޫނާއާއި، ވައުޗަރު ތައްޔާރުކުރަންޖެހޭ ގޮތުގެ ނަމޫނާ MG/BC02 އާއި، MG/BC03 އާއި، MG/BC04 މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ.