"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުވައްޒަފުން 20،000 ރުފިޔާ ހަދިޔާކޮށްފި
އަވަށްޓެރި ސްރީލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ލިބުނު ގެއްލުންތަކާ ގުޅިގެން އެޤައުމަށް އެހީވުމަށް ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި އެ ވުޒާރާގެ ދަށުން ހިނގާ މުއައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން 20،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދާއިރާގެ މުވައްޒަފުންގެ ފަރާތުން 20,000 ރުފިޔާގެ އެހީ ހަވާލުކޮށްފައި ވަނީ ސިލޯނާއެކު ދިވެހީން ޓެލެތޯންގެ ކަވަރޭޖްގެ ތެރެއިންނެވެ. މި ފައިސާގެ އެހީގެ ބައިވެރީންނަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، ދިވެހިބަހުގެ އެކެޑެމީއާއި ދިވެހިތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ދިވެހިތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މުވައްޒަފުންނެވެ. ސިޔާސީ މުވައްޒަފުންނާއި މަދަނީ މުވައްޒަފުންނެވެ.
އަވަށްޓެރި ޝްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި އަދި ދިވެހީންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ޤައުމެކެވެ.
