"އިސް ދަނޑުވެރިންގެ ތަމްރީން" ގެ ދެވަނަ ބުރު ފަށައިފި
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ރަށްރަށުގައި ލީޑް ފާމަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަށް ކުރިޔަށްގެންދެވޭ “އިސް ދަނޑުވެރިންގެ ތަމްރީން’ ގެ ދެވަނަ ބުރު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ ގައި ފެށިގެން ކުރިއަށް އެބަގެންދެވެއެވެ.
މި ލީޑް ފާމަރުގެ ބޭނުމަކީ އެރަށެއްގައި މެޕް ޕްރޮޖެކްޓުން އަޅާފައިވާ ގްރީންހައުސްގައި އަދި މި ޕްރޮޖެކްޓާއެކު މަސައްކަތްކުރާ އައި.އެފް.އެފް މެންބަރުން އަޅާ ގްރީންހައުސްގައި ގަސް ހައްދާއިރުގަ އަދި ބިމުގައި ގަސްހައްދާއިރުގައި އެ ދަނޑުވެރިން ކަންކަންކުރަނީ ޕްރޮޖެކްޓުން ދަސްކޮށްދޭ، ދަނޑުވެރިކަމުގައި ބޭނުންކުރާ ރަނގަޅު އުޞޫލްތަކާ އެއްގޮތަށްކަން ޔަގީންކުރުމެވެ. މިގޮތުން ޕްރޮޖެކްޓުން ތައްޔާރުކޮށްފައިވާ ކްރޮޕް ކަލަންޑަރުގައި ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ޔަގީންކުރުމާއި ހަދާފައިވާ ޗެކްލިސްޓްގައި ހިމެނޭކަންކަން ގަވައިދުން ބަލަހައްޓަމުން ގެންދާކަން ޔަގީންކުރުމެވެ. އަދި އެގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށްދީ، ޕްރޮޖެކްޓް އަދި މިނިސްޓްރީގެ އެކްސްޓެންޝަން ސްޓާފުންގެ ލަފަޔާއިއެކު އެކަން ރަނގަޅު ކުރުމަށް ހިތްވަރުދީ އައި އެފް އެފް މެމްބަރުންނާއި އެކު ދަނޑުވެރިންގެ މަސައްކަތްތަކުގައި އެހީތެރިވުމެވެ.
މިފަހަރުގެ ލީޑް ފާމަރ ތަމްރީން ކުރިއަށް މި ގެންދަނީ އަންހެން ދަނޑުވެރިންނަށް އިސްކަންދިނުމުގެ ގޮތުން ތަމްރީންގެ މުއްދަތު ، އަންހެން ދަނޑުވެރިންނަށް ބައިވެރިވެވޭނޭ ގޮތަށް ފަރުމާކުރެވި އެކިއެކި ބައިބަޔަށް ބަހާލެވިގެންނެވެ. މިގޮތުން މިފަހަރުގެ 20 ބައިވެރިންގެ ތެރެއިން 10 ބައިވެރިންނަކީ އަންހެނުންނެވެ.
މެޕުން އަންނަނީ ރާއްޖޭގައި ޒަމާނީ ދަނދުވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ގިނަގުނަ ތަމްރީން ތަކާއި، މަޝްރޫޢުތައް ހިންގަމުންނެވެ. މިގޮތުން ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 12 ރަށެއްގައި ގްރީން ހައުސްތައް ގާއިމުކޮށް، 12 ރަށެއްގައި GALS ޕްރޮގްރާމް ހިންގާފައިވާއިރު 6 ރަށެއްގައި ހޯމްގާޑިނިންގ ޕްރޮގްރާމް ވަނީ ހިންގާފައެވެ. މީގެ ތެރެއިން 320 ދަނޑުވެރިންނަށް ބިޒްނަސް ސްކިލްސް ތަމްރީން ދީފައިވެއެވެ. އަދި މިހާތަނަށް 24 އިސް ދަނޑުވެރިން ވަނީ ތަމްރީން ކޮށްފައެވެ.
