logo
banner image

ފިކުރީ މުދާ ހިމާޔަތްކުރުމަށް "ޕޭޓަންޓާ" ބެހޭ ޚާއްސަ ބިލެއް!

ފިކުރީ މުދާ (އިންޓަލެކްޗުއަލް ޕްރޮޕަޓީ) ޙިމާޔަތްކުރުމަށްޓަކައި "ޕޭޓަންޓާ" ބެހޭ ޚާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މިމަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ފިކުރީ މުދަލާއި ބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައިކަމަށެވެ.

"ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން"ގެ ކޮންސަލްޓަންޓް ހެރްމަން ކޯރޓެސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޓްރޭޑްމާކު ބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ. އަދި މިމަސައްކަތް ކުރައްވަމުންދަނީ މިކަމުގެ ތަޖުރިބާކާރު އިދާރާއެއްކަމުގައިވާ "ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން"ގެ އެހީތެރިކަމާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަރލެކްޗުއަލް ޕްރޮޕަޓީއާއި ބެހޭ އޮފީހެއް ޤާއިމުކުރެވިގެންދާނެކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މިދާއިރާއިން ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއިންވަނީ މިހާރު ލިޔުންތެރިކަމާއި ފަންނުވެރިކަން ހިމާޔަތްކުރުމަށްޓަކައި "ބާން ކޮންވެންޝަން"ގައި ބައިވެރިވެފައިވާކަމަށެވެ. އަދި މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން ޙާސިލުކޮށްފައިވާ މުހިއްމު މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ސަރުކާރުން ވީ ވަޢުދު ފުދިގެންދާ މަންޒަރުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދަނީ، ރައީސް ޑރ. މުޢިއްޒު ރިޔާސީ ކަމުގެ ޒިއްމާއާއި ހަވާލުވެވަޑައިގަތީ ރާއްޖޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ޤާއިމުކޮށްދެއްވާ، އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދެއްވާނެކަމުގެ މުހިއްމު ވަޢުދުފުޅާއިއެކުއެވެ. މިއަދު ފެންނަމުން މިދަނީ އެ ވަޢުދުފުޅު ފުއްދެވުމުގައި ޢަމަލީގޮތުން ނަތީޖާ ނެރެދެއްވައި، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުފާވެރި އަދި އުންމީދީ މަންޒަރެއްކަމަށް ވަޒީރު ފާހަގަކުރައްވައެވެ. މިއީ އުފެއްދުންތެރީންނާއި ފަންނުވެރީންނަށް ބޮޑެތި ފުރުސަތުތަކެއް ހޯދައިދީ، ރާއްޖޭގެ އިޤްތިޞާދަށް އާ ދޮރުތަކެއް ހުޅުވައިދޭނެ މަސައްކަތްތަކެކެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ތަސްދީޤުކުރައްވާފައެވެ. އަދި މިމަހުގެ ތެރޭގައި ސަރުކާރުން ހުށައެޅި ފިކުރީ މުދާ ޙިމާޔަތްކުރުމުގެ ބިލް ކަމުގައިވާ"ޓްރޭޑްމާކް" ބިލް މަޖިލީހުންވަނީ ފާސްކޮށްފައެވެ.