logo
banner image

ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަންއެއް ޤާއިމްކުރުމަށް ގޫގުލްއިން ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުން އެކަމަށް މަރުޙަބާ ކިޔައިފި

އައްޑޫ ސިޓީ (ހިތަދޫ)ގައި، އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަންއަކާއި ނެޓްވަރކް ފެސިލިޓީއެއް ޤާއިމުކުރުމަށް ގޫގުލްއިން ނިންމުމާއި ގުޅިގެން އެކަމަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެގޮތުން މި ވުޒާރާއިން ނެރުނު ނޫސްބަޔާނުގައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މި ތާރީޚީ މަޝްރޫޢަކީ ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމުކުރެވޭ މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ޤާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން، ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕު ހުޅަނގުގެ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައެވެ. މިއީ، އިންޑިއާ ކަނޑުގައި ޤާއިމުވެގެންދާ ވިލާތްތައް ކަނެކްޓިވިޓީ ކޮރިޑޯގައި ދިވެހިރާއްޖެ މައި ހަބެއްގެ ގޮތުގައި ޤާއިމްވުމަށް ލިބެނީ ފުރުޞަތެކެވެ.

މާލޭގެ އިތުރުން ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކުރެވޭ މި އިންޓަރނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެ، ސަރަހައްދީ މުވާޞަލާތީ މައި މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެއެވެ.

ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދެއެވެ. އަދި ކްލައުޑް ސަރވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާރޓް-އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު އޮތް މިންވަރު ދައްކުވައިދެއެވެ.

މި މަޝްރޫޢަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ތަޖުރިބާކާރު ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކުގައެވެ. މިކަމުން ދައްކުވައިދެނީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ރާއްޖޭގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މަޝްރޫޢު ތަންފީޛުކުރުމުގެ ތެރެއިން މަޢުލޫމާތާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ގޫގުލްގެ ފަރާތުން ދޭ އަހައްމިއްޔަތުކަމެވެ.

މި އިންވެސްޓްމަންޓަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެމަތިން ޑިޖިޓަލް އިންޤިލާބީ ބަދަލުތައް ގެނުވައި، ޢުމްރާނީ ތަރައްޤީއަށް މަގުފަހިވެގެންދާނެ އިންވެސްޓްމަންޓެކެވެ. އަދި އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށާއި ވިލާތްތަށް ކަނެކްޓިވިޓީގެ ވިލުންވެރިކަން އިތުރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.

ސަރުކާރުގެ ފަރާތުން މި ފުރުޞަތުގައި ގޫގުލްއިން ދިވެހިރާއްޖެއަށް ކުރާ އިތުބާރަށް ހޫނު މަރުޙަބާއެއް ކިޔައެވެ. އަދި ގޫގުލްގެ މިއިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖެއާމެދު މީގެ ކުރިން އުފެދިފައިނުވާ ޔަޤީންކަމާއި އިތުބާރު އިންވެސްޓަރުންގެ މެދުގައި އުފެދިގެންދާނެއެވެ. މި އިންޤިލާބީ މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާއެކު ތަންފީޛުކުރުމަށްޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިދެވޭނެކަމުގެ ޔަޤީންކަން ދެއްވައެވެ.