ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީއާއި ވުޒާރާއާއި ދެމެދު ގުޅުން ބަދަހިވެގެންދިޔަ ދެ އަހަރު!
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ވެގެންގޮސްފައިވާއިރު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީއާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު ގާތް ގުޅުމެއް އުފެދި، ދިވެހިރާއްޖޭގެ ކަންކަމުގައި އެ މިނިސްޓްރީގެ ފަރާތުން ލިބިގެންދާ އެހީތެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
މިގޮތުން ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރ ހިޒް އެކްސެލަންސީ ޑރ. ތަޢުފީޤް ބިން ފައުޒާން އައްރަބީޢާގެ ދަޢުވަތަކަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ދެ އަހަރު ތެރޭ ތިން ފަހަރަށް އެމަނިކުފާނާއި ބައްދަލުކުރައްވާ، ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ދިވެހިރާއްޖެއަށް ޙައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާއިރު ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ ހައްޖު މުބާޝިރު އިނީޝިއޭޓިވްގައި ދިވެހިރާއްޖެއަށް ފުރުސަތު ހޯދުމަށްވެސް މަޝްވަރާތައް ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީން ބާއްވަމުންދާ ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރަށް ފުޅާކުރެވި އެ ކޮންފަރެންސްގެ ތެރެއިން މުހިއްމު އެކި ދާއިރާތަކުން މުހިއްމު ބޭފުޅުންނާއި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންގޮސްފައިވެއެވެ.
އަދި ފާއިތުވެދިޔަ ދެ އަހަރުވެސް ޙައްޖު މޫސުމުގައި ދިވެހިރާއްޖެއަށް ދިމާވާ އެކި ކަންކަން ޙައްލުކުރެއްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން މަސައްކަތް ކުރައްވާ އެއްބާރުލުން ދެއްވާފައިވެއެވެ.
ދިވެހިރާއްޖެއާއިމެދު ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނާއި، ޙައްޖު އެންޑް ޢުމްރާ މިނިސްޓަރ ޑރ. ތަޢުފީޤް އަލްރާބިޢާ އަދި ޙައްޖު މިނިސްޓްރީން ބަހައްޓަވާ ގާތްކަމާއި ދެއްވަވާ އެއްބާރުލެއްވުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޝުކުރު އަދާކުރައްވައެވެ.
