logo
banner image

ރާއްޖޭގެ އިޤުތިޞާދު ބައްޓަންކުރުމަށް 104 ހަފްތާގެ މަސައްކަތް: ބޮޑެތި އިންވެސްޓްމަންޓްތަކާއި ފުޅާދާއިރާގެ އިސްލާޙުތައް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ހަރުދަނާކޮށް ކުރިއެރުވުމަށް 104 ހަފްތާގެ މަސައްކަތުގެ ތެރެއިން، ބޮޑެތި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމާއި، ޑިޖިޓަލް އިޤްތިޞާދަށް މަގުފަހިކުރުމާއި، ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހުޅުވާލުމުގެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވައިފިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ގޫގުލް އިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް، ޕޭޕަލް އަދި ސްވައިޕްގެ ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާކަންވެސް ހިމެނެއެވެ. މީގެ އިތުރުން ފޮރިން އިންވެސްޓްމަންޓް ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ދިވެހި ރައްޔިތުންނަށް ލިބޭ ބޭރު ފައިސާގެ ލިމިޓުތައްވެސް ވަނީ އިތުރުކޮށްފައެވެ.

ގޫގުލް އިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން

ގޫގުލް ކުންފުނިން ރާއްޖޭގައި އިންވެސްޓްކުރުމަށް ރަސްމީކޮށް އިޢުލާންކޮށްފައިވާއިރު، މިކަމުގެ އަސްލަކީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު އ.ދ. ގެ ޢާންމު މަޖިލީސް (ޔޫ.އެން.ޖީ.އޭ) އަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ ޓީމަކާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކެވެ. އެ ބައްދަލުކުރެއްވުމުގައި ގޫގުލްގެ ބޭފުޅުން ވަނީ ރާއްޖެއަށް އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން ޤާނޫނާއި ޤަވާއިދުގެ ތެރެއިން ދެވޭނެ ހުރިހާ އެއްބާރުލުމެއް ދެއްވައި، ރާއްޖެއަށް އައިސް އިންވެސްޓްކުރެއްވުމަށް ދަޢުވަތު ދެއްވާފައެވެ. މިކަމަކީ 40 އަހަރު ފަހުން އަލަށް ގެނެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ތެރެއިން ރާއްޖެއާމެދު ބޭރުގެ ގިނަ ފަރާތްތަކުން ވިސްނަމުންދާކަމުގެ ވަރަށް އަލިގަދަ މިސާލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް 2.0 އާއި ޑިޖިޓަލް އިޤްތިޞާދު

"މޯލްޑިވްސް 2.0" ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތުގައި، މިޤައުމުން ކޮރަޕްޝަން ނެތި، ޑިޖިޓަލް އިޤްތިޞާދަށް ވަރަށް ބޮޑު ތަނުން މަގުފަހިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ގަވަރނަންސް ނިޒާމު އެތައް ތަނަކުން ރަނގަޅުވެ، ދެފުށް ފެންނަ އަދި އެފިޝެންޓް ތަނަކަށް ވެގެންދާނެއެވެ. މި އުއްމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން އެއް ވިސްނުމެއްގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ޚާއްސަ އިޤްތިޞާދީ ސަރަޙައްދު (އެސް.އީ.ޒެޑް) ޤާނޫނުގެ ދަށުން ފުރުޞަތުތައް ފުޅާކުރުން

ސަރުކާރުން ވަނީ އެސް.އީ.ޒެޑް ޤާނޫނުގެ ދަށުން މިހާރު އިތުރު 10 ދާއިރާ އިތުރުކޮށް، ޖުމްލަ 19 ދާއިރާއަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މީގެ އިތުރުން "ޕާލް ވިސާ ޕްރޮގްރާމް" ވެސް ވަރަށް ކާމިޔާބުކަމާއެކު ރާއްޖޭގައި ހިނގާނެކަމުގެ ފުރިހަމަ ޔަޤީންކަން އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދެމުންދާއިރު، މީގެ ސަބަބުން ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް އައިސް، މިތާ އިންވެސްޓްކޮށް، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ވިޔަފާރިތަކަށް ޚާއްސަ ދާއިރާތައް

ބޭރުގެ ފަރާތްތަކަށް ފުރުޞަތުތައް ފުޅާކުރުމުގެ އިތުރަށް، ސަރުކާރުން ވަނީ ދިވެހީންނަށް ބައެއް ދާއިރާތައް ޚާއްސަކޮށްފައެވެ. މިގޮތުން ހޯލްސޭލްކުރުމާއި ރީޓެއިލްކުރުން، ލޮޖިސްޓިކްސް، 15 މިލިއަން ޑޮލަރަށް ވުރެ ދަށުގެ ކޮންސްޓްރަކްޝަން މަސައްކަތް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، އަދި 100 މިލިއަން ޑޮލަރުން ދަށުގެ ރެސިޑެންޝަލް ރިއަލް އެސްޓޭޓް މަސައްކަތްތަކަކީ ދިވެހީންނަށް އެކަނި ޚާއްސަ ކުރެވުނު ދާއިރާތަކެކެވެ. މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

އުތުރާއި ދެކުނުގެ ތަރައްޤީ

ރާއްޖޭގެ ތާރީޚުގައި އެހާ ބޮޑު އިންވެސްޓްމަންޓް ނައިސް ހުރި ތަންތަނަކީ އުތުރާއި ދެކުނު ކަމުގައި ފާހަގަކުރައްވައި، އެފަރާތްތަކަށް އިންވެސްޓްމަންޓް ގެނައުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާރު އައްޑުއަތޮޅާއި އުތުރުގެ ބައެއް އަތޮޅުތައް ހިމެނޭ ގޮތަށް، ދިވެހި ވިޔަފާރިތަކަށް ލުއިތައް ދެވޭނެ ގޮތްތަކާއި، ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ޤާއިމުކުރުމަށް ސާރވޭތަކާއި ދިރާސާތައް ކުރެވެމުންދެއެވެ. މިކަންކަމުގެ ތަފްޞީލްތައް މި އަހަރު ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕޭޕަލް، ސްވައިޕް އަދި ބޭންކިންގ ނިޒާމުގެ ކުރިއެރުން

ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ދޮޅު އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، މިހާރު އުރީދޫއާ އެކީގައި ވަކި އަންޑަސްޓޭންޑިންގއަކަށް އައިސްފައިވާ ކަމަށާއި، މި އަންނަ އަހަރުގެ ތެރޭގައި ޕޭޕަލްގެ ޚިދުމަތް ޢަމަލީ ގޮތުން ރާއްޖޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސްވައިޕްގެ ޚިދުމަތްވެސް ޖެނުއަރީ މަހުގެ ތެރޭގައި އިފެކްޓިވްވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެއެވެ.

ބޭރުގެ ޤައުމުތަކާއެކު އިޤްތިޞާދީ ގުޅުންތައް

ޗައިނާއާއި އިންޑިއާއާ ދެސަރުކާރާ ދޭތެރޭގައި ކުރެވޭ މަސައްކަތުގެ ތެރެއިން ލޯކަލް ކަރަންސީ ސެޓްލްމަންޓް ހަމަޖެއްސުމުގެ މަސައްކަތްތައް ބޭންކިންގ ނިޒާމުގެ ތެރެއިން ކާމިޔާބުކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓް (އެފް.ޓީ.އޭ) ކުރެވިފައިވާއިރު، މިހާރު ތުރުކީއާއި އިންޑިއާއާއެކުވެސް އެކަމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ.

ބޭރު ފައިސާގެ ލިމިޓުތަކަށް ބަދަލު

ސަރުކާރުން ވަނީ ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގައި ބޮޑެތި ލުއިތަކެއް ދީފައެވެ. ކިޔަވާ ކުދިންނަށް ލިބޭ ލިމިޓް 1،200 ޑޮލަރަށް ބޮޑުކޮށްދީފައިވާއިރު، ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ޑޮލަރު ގަތުމުގައި ބޮޑު ލުޔެއް ދެއެވެ. މީގެ އިތުރަށް ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އަދަދު 3،000 ޑޮލަރަށް ބޮޑުކޮށްދީފައިވާއިރު، 1 ފެބުރުވަރީ 2026 އިން ފެށިގެން ކްލެސިކް ކްރެޑިޓް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް، ގޯލްޑް ކްރެޑިޓް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،500 ޑޮލަރަށް އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

މި ހުރިހާ އިސްލާޙުތަކަކީ ވެސް ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.