ހަފްތާ 104: ބިމުގެ ތަނަވަސްކަން މެކުހަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 104 ހަފްތާ ފުރިހަމަވެގެންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވައި، އަދި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެ މަޝްރޫޢުތައް ނިންމެމުންދާކަން ސާބިތުކޮށްދީފައެވެ. ފާހަގަކޮއްލެވެނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ތަރައްޤީގެ މަގު ފަހިކޮށްދިނުމަށް މެދުނުކެނޑި ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ މުހިންމު މުއައްސަސާއެކެވެ.

ސަރުކާރުގެ މި 104 ހަފްތާގެ ތެރޭގައި ބިން ހިއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވަނީ ހާސިލުކޮށްފައެވެ. ރައްޔިތުންނަށް ބޭނުންވާ ބިން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުއިއްޒު ދެއްވާ ސަމާލުކަމުގެ ދަށުން، މިހާތަނަށް ބިން ހިއްކުމުގެ 4 މަޝްރޫޢުވަނީ ނިންމާލެވިފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމުގެ އިތުރު 32 މަޝްރޫޢުގެ މަސައްކަތްވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި، އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާކަން މިނިސްޓްރީން ހާމަކުރެއެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ ގިނަ ރަށްރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢުތަކެކެވެ.

މިނިސްޓްރީގެ މި ކާމިޔާބީތަކުގެ ފަހަތުގައިވާ މޭސްތިރިއަކީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމަނިކުފާނުގެ ދުރު ރާސްތާގެ ތަސައްވުރުފުޅާއި ބުރަ މަސައްކަތްތެރިކަމުގެ ސަބަބުން މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. ރައްޔިތުންނަށް ބޭނުންވާ ބިން އެންމެ ހެޔޮ އަގުގައި އަދި އެންމެ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.

މި ކުރިއެރުންތަކާއެކު، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދަނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އިސްދައުރެއް އަދާކުރަމުންނެވެ. ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދިޔުމުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ.
