logo
banner image

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ޚިދުމަތުގެ ދަތުރަށް 104 ހަފްތާ ފުރިހަމަވެގެންދާއިރު މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަޝްރޫޢުތަކެއްވަނީ ކުރިއަށް ގެންދެވިފައެވެ. މިގޮތުން މިމުއްދަތުގެ ތެރޭގައި އެކިއެކި ރައްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކަކައް ވަނީ ހާއްސަ އިސްކަމެއް ދެއްވާފައެވެ.

މިފަދަ މަޝްރޫއުތައް ހިންގުމުގެ މޭސްތިރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޒުމް  ކަނޑައަޅާފައިވާ ވުޒާރާއެކެވެ. ރާއްޖޭގެ ލާމަސީލު ރަށްތަކާއި ރައްޔިތުންގެ ދިރިއުޅުން ރައްކާތެރިކުރުމަށްޓަކައި، ތަފާތު ގިނަ މަސައްކަތްތަކެއް މިނިސްޓްރީއިން އަންނަނީ މެދުނުކެނޑި ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، މި 104 ހަފްތާގެ ތެރޭގައި ރާއްޖޭގެ ގިނަ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް ވަނީ ބޮޑު ސަމާލުކަމެއް ދެއްވާފައެވެ.

މިގޮތުން، މިހާތަނަށް 11 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވަނީ ނިންމާލެވިފައެވެ. މީގެ އިތުރުން، އިތުރު 49 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށް، އެ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް ވެފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ގިނަ ރައްޔިތުންނަށް ގޮނޑުދޮށް ގިރުމުގެ ބިރުވެރިކަމުން ސަލާމަތްވެ، ދެމެހެއްޓެނިވި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިކަންކަން މިހާ ހަރުދަނާކޮށް ކުރިއަށް ގެންދެވުމުގައި، މިނިސްޓްރީގެ މޭސްތިރިއެއްގެ ގޮތުން މަސައްކަތްކުރައްވާ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްގެ ބުރަ މަސައްކަތްޕުޅާއި، ދުރުވިސްނޭ ރޭވުންތައް މިނިސްޓްރީއިން ފާހަގަކުރެއެވެ. އެމަނިކުފާނުގެ ހިދުމަތްތެރިކަމާއި، ވަރުގަދަ ޢަޒުމުގެ ސަބަބުން ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ކުރިއެރުވުމަށް ގިނަގުނަ ކާމިޔާބީތަކެއް ހޯދިފައިވާކަން މި 104 ހަފްތާތެރޭގައި ފާހަގަކުރެވެއެވެ.