ހަފްތާ104: ހުރިހައި މިސްކިތެއް ޒަމާނީ ފެންވަރަށް
ލިޔުނީ: އުލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު/ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް
ދިވެހިރާއްޖޭގެ އިސްލާމީ ޙަޟާރަތު ވަރުގަދަކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ފަސް އަހަރު ދުވަހުގެ ރިޔާސީ މި ދައުރު ނިމޭ އިރު، ރާއްޖޭގެ ވެރިކަންކުރާ މި މާލޭ ސަރަހައްދުގައި ބާ އެއްވެސް މިސްކިތެއް ނުހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެއީ އަދުގެ ސަރުކާރުން ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ވަރުގަދަކުރައްވާން ކުރައްވާ މަސައްކަތްޕުޅުތަކުގެ އަލިގަދަ ހެތްކެކެވެ. ސަގާފީ ގޮތުން ރައްކާތެރިކުރާންޖެހޭ މިސްކިތެއް ފިޔަވައި މާލޭ ސަރަހައދުގައި ހުރި ބާ ހުރިހައި މިސްކިތެއް އަލުން ޒަމާނީ ފެންވަރަށް ބިނާކޮށް ނިމެނީއެވެ.
އިސްލާމީ ދަޢުވަތު ފަތުރުއްވާނެ މަރުކަޒަކާ އެކު ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް މާފަންނު ބޮޑުގެ ހުރި ބިމުގައި ބިނާކުރެއްވުމަށް ޓަކައި ދާދި ފަހުންވަނީ ބިންގާއަޅުއްވައިދެއްވައިފައެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ޚުދު ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ އިސްލާމީ ދަޢުވަތު ފެތުރުއްވުމަށް ޓަކައި އެ މަނިކުފާނު ދެއްވާ ޚާއްޞަ ސަމާލުކަން ރަމްޒުކޮށްދިން ކަމެކެވެ.
މާލޭގައި ހުރި މަސްޖިދުލްބަރުބަރީ ބާވެފައި ވަނިކޮށް އެ މިސްކިތް އަލުން ޒަމާނީ ފެންވަރަށް ޢިމާރާތްކޮށް މިހާޜު ނިމެނީއެވެ. މަސްޖިދުއްޒިކުރާގެ ގޮތުގައި މިހާރު ހުރި ވަގުތީ ޢިމާރާތުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތެއް ބިނާކުރާއް މިހާރު ވަނީ ކުންފުންޏަކާ ޙަވާލުކުރައްވައިފައެވެ. މާލޭ-ވިލިނގިލީގައި އެންމެ ފުރަތަމަ ބިނާކުރެވުނު މަސްޖިދުއްސަލާމުގެ އިމާރާތް ބާވެ ހަލާކުވެފައިވާތީ އެ ތާނގައި ޒަމާނީ މިސްކިތެއް އެޅުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެއެވެ.
އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައްޔާއި މުޅީން އަލަށް އާމިސްކިތްތަކެއް ބިނާކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް އެބަދެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދާށުން މި މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަވަނީ ތަނަވަސްކަމުގެ އަހުލުވެރީންގެ ތެރެއިން މި ފަދަ ކަންކަމަށް ހޭދަކުރައްވާން އެދިވަޑައިގަންނަވާ ބޭފުޅުން ބައިވެރިކުރައްވައިގެން އެ ބޭފުޅުންގެ ވެސް އެހީތެރިކަމާއެކުގައެވެ. މިއީ ސަރުކާރުން އިސްލާމީ ކަންތައްތަކަށް ދެއްވާ ޚާއްޞަ އަހަންމިއްޔަތު ދިވެހިރައްޔިތުން ވެސް ބަލައިގަންނަކަމުގެ ހެތްކެކެވެ.
އާދޭހެވެ! ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ޒަޢާމަތުގެ ފުރތަމަ ފަސް އަހަރު ވެގެންދާނީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ރަމްޒުކޮށްދޭ ބިނާތަކުން އިސްލާމީ ހައިބަތުގެ މަލަތައް ފެންނާނޭ ފަސް އަހަރަށެވެ. މި ފަސް އަހަރު ނިމޭ އިރު، މާލޭ ސަރަހައްދުގައި ބާ އެއްވެސް މިސްކިތެއް ނުބަހައްޓަވަން ކަނޑައަޅުއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ޒަމާނީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ފުރިހަމަ ވަސީލަތްތަކާ އެކު ގާއިމުކުރެވެމުން އެބަދެއެވެ.
