logo
banner image

ހަފްތާ104: ހުކުރު ޚަޠީބުންގެ ދަތިކަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިލުވައިލެއްވުން

ލިޔުނީ: އުލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު/ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް

ރާއްޖޭގެ ބައެއް ރަށްރަށުގައި އިމާމުވެ ހުކުރުކުރައްވާނޭ އިމާމަކު ނެތިގެން ކައިރި ރަށްރަށުން ޚަޠީބުން ގެންނާން ޖެހުމުގެ ހިތްދަތި ތަޖުރިބާއަކީ މީގެ ދެ އަހަރެއްގެ ކުރިއާ ހަމައަށް އަތޮޅުތަކުގައި އޮތް ވަރަށް ބޮޑު މައްސަލައެކެވެ. އެއީ ހުކުރުކުރުމުގެ ހުއްދަ ލިބިވަޑައިގެން ތިއްބެވި ޚަޠީބުން ދުވަސްވެ ރިޓަޔަރކުރައްވާ އިރު، އާ ޒުވާނުން އެ ކަމަށް އުފެއްދިފައިނުވާތީއެވެ. ނުވަތަ އެ ހުއްދަ ހޯދާން ޒުވާނުން މަސައްކަތްނުކުރާތީއެވެ.

އެހެންކަމުން ކިތަންމެ ވިއްސާރަޔަސް އަތޮޅުގެ ކައިރި ރަށަކުން ނުވަތަ ދުރު ރަށަކުން ނަމަވެސް ހަމައެކަނި އިމާމުވެ ހުކުރުކޮށްލުމަށް ޓަކައި ޚަޠީބަކު ބަލައި ކުރާން ޖެހުނު ދަތުރުތަކަކީ ދާދި އިހަކަށް ދުވަހާ ހަމައަށް ރާއްޖޭގެ ގިނަ ރަށްރަށުން ކުރާން ޖެހުނު ތަޖުރިބާއެކެވެ. އިސްޕީޑު ލާންޗުފަހަރުގައި ދަތުރުކުރާންޖެހުނު ދަތުރުތައް ކުރާންޖެހުނު ޚަރަދުތަކުގެ އިތުރަށް އެއީ އެ ގޮތަށް ދަތުރުކުރައްވާ ޚަޠީބުންނަށް ވެސް ފަސޭހަފުޅު ކަމަށް ނުވެއެވެ. އެހެނީ ގިނަ ޚަޠީބުންނަކީ ކުރީން ކަތީބުކަން ކުރައްވައިފައިވާ، އަދި އުމުރުން ގިނަ ދުވަސްވެފައިވާ ބޭފުޅުންނެވެ.

އަތޮޅުތަކުގައި އޮތް މި ދަތިކަން ފިލުވައިލައްވައި މި ކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ޓަކައި އަދުގެ ސަރުކާރުން އިސްނެންގެވިއެވެ. މި ކަމަށް ޓަކައި ސަރުކާރުން ގެންގުޅުއްވި އިސްތިރާޖީ ވިސްނުންފުޅުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 500އަށް ވުރެ ގިނަ ޚަޠީބުން ޒުވާނުންގެ ތެރެއިން އުފައްދަވައިފިއެވެ. މިހައި ބޮޑުވެފައި އޮތް މައްސަލައެއްގެ ޙައްލު ހޯއްދަވައިދެއްވީ ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އަދި ޒުވާން ޚަޠީބުންގެ ޢަދަދު 1000އަށް އިތުރުކުރައްވާން ސަރުކާރުން ވަނީ އަމާޒުހިއްޕަވައިފައެވެ.

އަލަށް ޚިދުމަތަށް ނެރުއްވި ޒުވާން ޚަޠީބުންގެ ހުނަރުވެރިކަމަށް ޓަކައި މުޖުތަމަޢުން އިވެމުންދަނީ ޝުކުރާއި ތަޢުރީފެވެ. އެ ޚަޠީބުންގެ ޚުޠުބާ ހުޅަހެޅުއްވުމާއި ޤުރުއާން ކިޔެވުމުގެ ފުރިހަމަކަމުން މައުމޫމުން ހިތްތައް ފަތަޙަކުރައްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދާއިރާއިން ހޯއްދެވި ވަރަށް ފުރިހަމަ ކާމިޔާބީއެއްކަމަށް ގަބޫލުކުރާންޖެހެއެވެ.

ހަމަ މި ގޮތަށް ކަށުކަމާކެމީގެ ކަންކަން ނުވަތަ، މަރުވާ މީހުންގެ ޖަނާޒާގެ ކަންތައް ކުރާނެ މީހުން ރަށްރަށުން މަދުވަމުންދާތީ، އެ ކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ތަމްރީނުކުރައްވައި މިހާރު ވަނީ ޚިދުމަތަށް ނެރުއްވައިފައެވެ.

މިއަދު ހުނަރުވެރި ޒުވާން ޚަޠީބުންނާއި މުރާލި ޖަމާޢާތްތެރީން އެ ގެންދަވަނީ އެ ދާއިރާތަކުން މުޖުތަމަޢަށް ޚިދުމަތްކުރައްވަމުންނެވެ.

މި ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޙާޞިލުކުރައްވައިފައިވާ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ދާއިރާގެ ހުރިހައި ދިމާއަކަށް ސަރުކާރުން ގެންދަވަނީ ސަމާލުކަންދެއްވަމުން ޚިދުމަތް ފުޅާކުރައްވަމުންނެވެ.