ހަފްތާ104: ޒަކާތުގެ ދާއިރާ ފުޅާކުރެއްވުން
ލިޔުނީ: އުލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު/ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް
ޒަކާތަކީ ހަމައެކަނި މުއްސަނދީންގެ އަތުން ނަގައި ފަގީރުންނަށް ވަގުތީ ހާޖަތްތައް ފުއްދައިލުމުގެ ދެވޭ އެއްޗެއްކަމުގައި ޒަމާނުއްސުރެ އޮތީ ބެލެވިފައެވެ. ނަމަވެސް ޒަކާތުގެ ހަގީގީ މަގުސަދަކީ މުޖުތަމަޢުން ފަގީރުކަން ނައްތަވައިލެއްވުމެވެ. މި މަގުޞަދު ޙާޞިލުކުރެއްވުމަށް ޓަކައި [ޒަކާތު ހައުސް]ގެ ނަމުގައި ޒަކާތާ ބެހޭ ވަކި މުއައްސަސާއެއް 00 00 00ގައި ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އުފައްދަވައިފައެވެ. އަދި ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅުއްވައިފައެވެ. އަދި ގެންދަވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. ޒަކާތު ފަންޑު ތަރައްގީކުރައްވައި ރާއްޖެއިން ފަގީރުކަން ނައްތަވައިލެއްވުމަށް ޓަކައި އެ ގެންދަވަނީ މަސައްކަތްޕުޅުކުރައްވަމުންނެވެ.
މިއަދު ޒަކާތުގެ ބެހެނިވެރީންނަށް ޒަކާތުން ލިބޭ މިންވަރުވަނީ އިތުރުކޮށްދެއްވައިފައެވެ. ބޭސްފަރުވާއަށް ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ލިބިފައިވާ އެޕާޓުމެންޓުތަކަށް ފުރަތަމަ ދައްކާން ޖެހޭ 'ޑައުންޕޭމެންޓް' ނުދެއްކިގެން އެ އެޕާޓުމެންޓް ނުލިބިގެން އުޅޭކަން ސަރުކާރަށް އެނގިވަޑައިގަތުމާ އެކު، މި ފަދަ 14 މީހަކަށް 'ޑައުންޕޭމެންޓް' ދައްކައިދެއްވާން ނިންމެވި ނިންމެވުމަކީ ގެދޮރު ނެތް މީހުން ގެދޮރުވެރިކުރެއްވުމަށް ޓަކައި ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ. ފުލެޓު ލިބޭ ގޮތަށް ހަމަޖެހި ޑައުންޕޭމަންޓު ދެއްކޭނެ މިންވަރު ނެތް ފަގީރުންނާއި މިސްކީނުން ކުރެ ކޮންމެ މީހަކަށް ޑައުންޕޭމަންޓަށް ދައްކާންޖެހޭ 340000 (ތިންލައްކަ ސާޅީސްހާސް) ރުފިޔާ ދެއްކުމަށް ޓަކައި ޒަކާތު ފަންޑުން ޚަރަދުކުރާނެއެވެ. އަދި ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ތިބި މީހުންގެ ތެރެއިން ކޮންމެ އަހަރަކު ވަކި ޢަދަދަކަށް ދައުލަތުގެ ޚަރަދުގައި އެ ގެންދަވަނީ ޙައްޖަށް ފޮނުއްވަމުންނެވެ.
ތެލެސީމިއާ ކުދީންގެ ތެރެއިން ހާލަތަށް ބައްލަވައި ކަނޑައެޅޭ ވަކި ޢަދަދެއްގެ ކުދީންނަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ޓަކައި ބޯންމެރޯ ހައްދަވައިދެއްވާން ވެސް ޒަކާތު ފަންޑުން އެބަ ޚަރަދުކުރައްވައެވެ.
މަތީ ތަޢުލީމު ޙާޞިލުކުރުމުގެ މާލީ ޤާބިލުކަން ނެތް ޒުވާނުންނަށް އިސްލާމީ ތަޢުލީމުގެ ދާއިރާއިންނާއި ގައުމަށް ކޮންމެހެން ބޭނުން ދާއިރާތަކުން ތަޢުލީމު ޙާޞިލުކުރުމަށް ޓަކައި ޒަކާތު ފަންޑުން ކޮންމެ އަހަރަކު ވެސް ވަކި ތަރުތީބަކުން ކަނޑައެޅޭ އުޞޫލެއްގެ ދަށުން ސްކޮލާރޝިޕްގެ ފުރުޞަތު ހޯއްދަވައި އެބަދެއްވައެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ މިއަދު ދުނިޔޭގެ ޤައުމުތަކުގައި މަޤުބޫލުކަން ލިބިފައިނިޒާމެކެވެ. މި ކަން އެނގެނީ ދިވެހިރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސްތަކުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޢިލްމުވެރީން ދިވެހިރާއްޖެއަށް ތަޢުރީފުކުރައްވަމުން ގެންދަވާތީއެވެ.
