logo
banner image

ހަފުތާ104: ކީރިތި ޤުރުއާނަށް އިސްކަންދެއްވުމާއި ޙާފިޒުން އިތުރުކުރެއްވުން

ލިޔުނީ: އުލްއުސްތާޛް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު/ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް

ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރެވެ. ކީރިތި ޤުރުއާން އުނގެނި އުނގަންނައިދޭ މީހަކީ މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހާކަމަށް ކައު ރަސޫލާ ވަނީ އުންމަތަށް ބަޔާންކޮށްދެއްވައިފައެވެ. ނަމަވެސް ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ބޭއްވެމުން އައި، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މީގެ ކުރީން ދައުލަތުގެ ބަޖެޓުން މާ ބޮޑު ޚަރަދެއްކުރައްވާ މުބާރާތެއް ނޫނެވެ. އެ މުބާރާތް ހިންގަވަމުން ގެންދެވީ ކޮންމެވެސް ފަންޑެއްގެ ތެރެއިންނެވެ. އަދި ރާއްޖޭގައި ބޭއްވިފައިވާ ބޮޑެތި މުބާރާތްތަކަށް ބަލާ އިރު، ޤުރުއާން މުބާރާތުގެ އިނާމުތަކަކީ ވެސް ނިސްބަތުން ކުދިކުދި އިނާމުތަކެކެވެ.

ރާއްޖޭގައި މިހައި ތަނަށް އެންމެ ބޮޑެތި އިނާމުތައްދެވިފައިވަނީ ލަވައާއި މިޔުޒިކުގެ މުބާރާތްތަކަށެވެ. ރައީސް މައުމޫންގެ ޒަޢާމަތުގައި ތަޢާރަފުވެ ހިނގަމުން އައި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތައް ފަހަކަށް އައިސް ވެފައި އޮތީ ވަރަށް ސަމާލުކަން ކުޑަ މުބާރާތަކަށެވެ. އަދި އެއީ މުޖުތަމަޢުން ވެސް މާ ބޮޑު ސަމާލުކަމެއް ދެމުން އައި މުބާރާތެކޭ ދެންނެވޭކަށް ނެތެވެ. އެ މުބާރާތް އަހަރަކަށް ވުރެ އަހަރެއް އައީ ހީނަރުވަމުންނެވެ.

ނަމަވެސް އަދުގެ ސަރުކާރުން ކީރިތި ޤުރުއާނުގެ ޢިލްމާއި ފަންނު ދިރުވައި އާލާކުރެއްވުމަށް ދެއްވި ސަމާލުކަމެއްގެ ސަބަބުން މިއަދު ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެރިރާއްޖޭގެ އެންމެ އަގުބޮޑު އެންމެ އިނާމު ބޮޑު، އެންމެ ޝަރަފުވެރި މުބާރާތްކަމުގައި ހައްދަވައިފިއެވެ. މި ދިޔަ އަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން މުބާރާތުގެ ވަނަވެރީންނަށް ބޮޑެތި އިނާމުތައް ސަރުކާރުން ކަނޑައަޅުއްވައި، ދެއްވާން ފައްޓަވައިފިއެވެ. މިހާރު އެއީ ރާއްޖޭގެ އެންމެ އަގުބޮޑު އެންމެ ޝަރަފުވެރި މުބާރާތެވެ. މުޅި މުބާރާތުން ކޮންމެ ގޮތްޕަކުން އެއް ވަނަ ހޯދާ ވަނަވެރިއަކަށް އެ ވަނަވެރިއަކު ބޭނުން ދާއިރާއަކުން ބޭނުން ޤައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ. އަދި ޤުރުއާން މުބާރާތަކީ ކުރިއާ ޚިލާފަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހިންގަވާ މުބާރާތަކަށް ހައްދަވައިފިއެވެ.

މީގެ އިތުރަށް 500 ޙާފިޒުން އުފެއްދެވުމުގެ މަޝްރޫޢެއް ފައްޓަވައި އެތައް ޙާފިޒުންނެއް އުފައްދަވައިދެއްވައިފިއެވެ. ޙާފިޒުންނަށް ދައުލަތުން ދެއްވާ ފައިސާގެ ޢިނާޔަތް ދެގުނަ ބޮޑުކުރައްވައިފިއެވެ. އަދި ޙާފިޒުންނަށް ދަރަޖަދެއްވުމަށް ޓަކައި ޙާފިޒުންނަށް ދަސްވެނިވުމުގެ ޚާއްޞަ ވަކި ރަސްމިއްޔާތެއް ބާއްވަވައި އެއީ ޝަރަފުވެރި ބަޔެއްކަމަށް ދައުލަތުން ހައްދަވައިފިއެވެ. މި ކަންކަމުން އެނގި ސާބިތުވަނީ އިސްލާމްދީނުގެ މައިގަނޑު އަސާސްކަމަށްވާ ކީރިތި ޤުރުއާނުގެ ޢިލްމާއި ފަންނު ދިރުވައި އާލާކުރެއްވުމަށް ޓަކައި މިއަދުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތެވެ. މި ކަމަށް ޓަކައި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާއަށާއި އެންމެހައި މަޞްލަޙަތުވެރީންނަށް ޝުކުރާއި ތަހުނިޔާ އަރިސްކުރަމެވެ.