logo
banner image

ވޭތުވެދިއަ ދެ އަހަރަކީ އިންވެސްޓްމަންޓްގެ ދާއިރާގަވެސް ކާމިޔާބު ދެ އަހަރު: ވަޒީރު

ވޭތުވެދިއަ ދެ އަހަރަކީ އިންވެސްޓްމަންޓްގެ ދާއިރާއަށް ބެލިނަމަވެސް، ކާމިޔާބު ދެ އަހަރު ކަމަށް، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެންވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން، ޕީއެސްއެމްއިން ގެނެސްދޭ ހަފްތާ 104 ޕްރޮގްރާމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ފޮރިން އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށް، ވޭތުވެދިއަ ދެ އަހަރު ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ދޭދޭ ޤައުމުތަކަށް ވަޑައިގެން، ވަރަށްގިނަ ކާމިޔާބު މަސައްކަތްތަކެއް ކުރެއްވި ކަމަވެ.

ވަޒީރު ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓައި އިތުރު އިންވެސްޓް ރާއްޖެ ގެނައުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، ބޭރު ގައުމުތަކުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުނު ކަމަށެވެ. އެއާއެކު ފުރުސަތުތައް ފަހިވަމުންދާއިރު، މިހާރުވެސް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދެ ޕްރޮޖެކްޓެއްގެ މަސައްކަތް އޮތީ ފައިނަލް ސްޓޭޖުގައި ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ފައިނޭންޝަލް އިޤްތިސޯދު ކުރުމުގެ މަސައްކަތުގެ ތެރެއިން، ފައިނޭންޝަލް ފްރީ ޒޯނެއް ޤާއިމްކުރުމުގެ މަސައްކަތްވެސް އެބަކުރިއަށްދާ ކަމަށާއި، އެއީ މި ނިމުނު ދެ އަހަރުގެ ތެރޭގައި، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ޚާއްސަކޮށް ރާއްޖޭގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ކަމަށެވެ.

އަދި އެ އިސްވެންޓްތަކުގެ ނަތީޖާ ފެނި އޭގެ ހެޔޮބަދަލު ދުވަސްކޮޅެއްފަހުން އިޤްތިސޯދުން ފެންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އައު އިންވެސްޓްމަންޓް ތަކުގެ އިތުރަށް، ރާއްޖޭގެ މިހާރުވެސް ކުރިއަރަމުންދާ އިންވެސްޓްމަންޓް ތަކާއި، ފަތުރުވެރިކަން ފަދަ އިޤްތިސޯދުގެ މުހިންމު ދާއިރާތައް ފުޅާކުރުމަށް ފަތުރުވެރިކަން އިިތުރަށް އިސްތިހާރުކުރުމުގެ މަސައްކަތްވެސް ހަރުދަނާކޮށް ކުރިއަށްދާ ކަމަށެވެ.