logo
banner image

ހީޓް ސްޓްރެސްއާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކާ ބެހޭ މަޝްވަރާ ބައްދަލުވުމެއް 19 ނޮވެމްބަރ 2025 ވަނަ ދުވަހު ބާއްވައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓާއި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގުޅިގެން ހީޓް ސްޓްރެސްއާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގެ އިތުރުން މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތައް އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ (އައިއެލްއޯ) އިން ބައިވެރިވިއެވެ.

މި ބައްދަލުވުން ބޭއްވުމުގެ އަސާސަކީ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އިން އެކުލަވާލާފައިވާ ދިރާސާ ރިޕޯޓެކެވެ. މި ރިޕޯޓުގެ މައިގަނޑު މަޤްސަދަކީ، ގައުމީ ސިޔާސަތުތައް ކަމަށްވާ ނޭޝަނަލް ޑިޓަރމިނޭޑް ކޮންޓްރިބިއުޝަންސް (އެންޑީސީ)، ލޯންގް ޓާމް ލޯ އެމިޝަން ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް (އެލްޓީ-އެލްއީޑީއެސް)، އަދި ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް (ސީޕީޕީ) ފަދަ ކަންކަމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ވިސްނުންތައް ފޯރުކޮށްދިނުމެވެ.

މި މަޝްވަރާ ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ، މަސްލަހަތުވެރިންނާ ގުޅިގެން މަޝްވަރާކޮށް، އެފަރާތްތަކުގެ ޚިޔާލުތަކާއި ފީޑްބެކް ހޯދުމެވެ. މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ އައިއެލްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ވަޒީފާތަކާއި އުފެއްދުންތެރިކަމަށް ހީޓް ސްޓްރެސްގެ ސަބަބުން ކުރާ އަސަރުތަކާއި، މިކަމުގެ ސަބަބުން ވަޒީފާގެ މާހައުލަށާއި، މަސައްކަތްތެރިންނާއި، ވިޔަފާރިތަކާއި، މުޅި އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގެ އެއް މުހިންމު މަޤްޞަދަކީ، ޚާއްޞަކޮށް ހީޓް ސްޓްރެސްގެ ސަބަބުން މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސިޔާސަތުތައް އެކުލަވާލުމެވެ. މީގެ އިތުރުން، މަސްލަހަތުވެރިންގެ އަޑުތައް އަހައި، އެމީހުންގެ ނަޒަރިއްޔާތުގެ އަލީގައި މިހާރު ހުރި ސިޔާސަތުތަކާއި، މޫސުމާއި ތިމާވެށީގެ ސިޔާސަތުތައް އެއްކޮށްލެވޭނެ ގޮތްތަކާ މެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ސަބަބުން މަސްލަހަތުވެރިންނަށް ދިރާސާގެ ނަތީޖާތައް ހިއްސާކުރުމާއި، މި މައުޟޫޢާ ގުޅޭ އެމީހުންގެ ވިސްނުންތައް ހާމަކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. މިފަދަ މަޝްވަރާތަކަކީ ހީޓް ސްޓްރެސްއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށްޓާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިކޮށްދީ، ދެމެހެއްޓެނިވި ވިޔަފާރިތައް އުފެއްދުމާއި، އިތުރު އަދި ރަނގަޅު ވަޒީފާތައް އުފެއްދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ބެލެވެއެވެ.