ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް (2025-2031)ގެ އެމް.އޯ.ޔޫގައި 19 ނޮވެމްބަރ 2025 ވަނަ ދުވަހުގެރޭ ސޮއިކޮށްފި
ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް، ޝަރަފުވެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށްޓަކައި، 'ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް' (ޑީޑަބްލިއުސީޕީ) 2025-2031 ތަންފީޛުކުރުމާ ގުޅޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެވުނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި، މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތައް އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ (އައިއެލްއޯ) އާ ދެމެދުއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަބުރުވެރި މަސައްކަތުގެ ޕްރޮގްރާމްތައް ކުރިއެރުވުމާއި، މަސައްކަތްތެރިންގެ ހައްޤުތަކަށް އިސްކަންދީ، އިންސާފުވެރި އަދި އެއްވެސް ތަފާތުކުރުމެއް ނެތް މަސައްކަތުގެ މާހައުލެއް ބިނާކުރުމެވެ.
އެމް.އޯ.ޔޫގައި ސޮއިކުރުމާއެކު، މި އެމް.އޯ.ޔޫގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވަނީ ދިވެހިރާއްޖެއަށް ޚާއްޞަކުރެވިފައިވާ ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް 2025-2031 ތަންފީޛުކުރުމުގައި އެއްބާރުލުން ދިނުމަށް އިޤްރާރުވެފައެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ލޭބަރ މާކެޓްގެ ހުރިހާ ދާއިރާއަކަށް އޭގެ ފައިދާ ލިބިގެންދާނެއެވެ.
ޑީޑަބްލިއުސީޕީގެ މައިގަނޑު ތިން ދާއިރާ
ޑީޑަބްލިއުސީޕީގެ ދަށުން އިސްކަންދޭ މުހިންމު ތިން ދާއިރާއެއް ކަނޑައަޅާފައިވެއެވެ. އެއީ:
• ހުރިހާ އެންމެންނަށް ހިއްސާކުރެވޭ ތަނަވަސްކަމާއި ޝާމިލުކުރުވަނިވި އިންސާނީ ތަރައްޤީ ކުރިއެރުވުން.
• ބައިނަލްއަޤްވާމީ ލޭބަރ ސްޓޭންޑަރޑްތައް ތަސްދީގުކުރުން އިތުރުކުރުމާއި، މިންތިއާއި ގިންތީގެ ހަމަހަމަ ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތަކުގެ ތެރެއިން އެކަންކަން ތަންފީޒުކުރުން.
• ޖެންޑަރ ރެސްޕޮންސިވް ޓްރައިޕާޓިޒަމް އަދި އިޖްތިމާޢީ މަޝްވަރާގެ ނިޒާމުތަކާއި، އިޖުރާއަތްތަކާއި، ޤާބިލިއްޔަތުތައް ހަރުދަނާކުރުން.
• މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތުގެ މިންގަނޑުތަކަށް ރާއްޖެ ތަބާވުމަށް މަގުފަހިވެ، މަސައްކަތްތެރިންނަށް ރައްކާތެރިކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް މި ޕްރޮގްރާމް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.
